ފުރަައްސާރައިގެ މައްސަލައެއްގައި 3 ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފައި ވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު ފަހެއްގައި އާންމުންގެ ބަޔަކަށް ފުރައްސާރަކުރި މައްސަލައިގައި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް އެއް ފުލުހެއްގެ ރޭންކް ދަށްކޮށްފައި ވާ ކަމަށެވެ.
އެ ފިޔަވަޅުތަކަކީ ފުލުހުންގެ އަހުލާގާއި އެ އިދާރާއަކީ ހަރުދަނާ ތަނަކަށް ހެދުމަށް ކުރަަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށާއި ފުލުހުންގެ އިދާރާ ހަރުދަނާ ކުރުމަކީ އެންމެން ވެސް އެދޭ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. ހަމަ އެފަދައިން އެކަން ކާމިޔާބު ކުރުމަށް ބަސް ބުނުމުގެ ބަދަލުގައި އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރުން މިހިންމު ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީގެ ޓްވީޓްގައި ވިދާޅުވީ ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށާއި މިއީ އެހެން ގައުމުތަކުގައި ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އެގޮތުން ފުލުހުންނަށް ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް އިސްކަން ދެނީ ދެވަނަ ކަމެއްގެ ގޮތުގައި ނަމަވެސް ފުލުހުންގެ ތެރެއިން 34 ޕަސެންޓު މީހުންނަކީ މަތީ ސާނަވީ ނިންމާފައިވާ މީހުން ކަން ސީޕީ ހަމީދު ފާހަގަ ކުރެއްވިއެވެ. އަދި 220 ފުލުހަކު ވަނީ ޕޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކޮށްފައި ކަމަށް ވިދާޅުވިއެވެ.
ސީޕީ މިފަދައިން ވިދާޅުވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުލުހުންގެ ހިދުމަތުގެ ބިލްގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންގެ އަހުލާގީ މިންގަނޑާއި ފުލުހުންގެ ތައުލީމީ ފެންވަރާ މެދު ވާހަކަ ދައްކަވައިފައެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ފުލުހުންނަކީ އެއްވެސް އަހުލާގެއް ނެތް ބައެއް ކަމަށާއި ފުލުހުންގެ ވަޒީފާ ދިނުމުގައި، ރަނގަޅު ތައުލީމީ މިންގަނޑަކަށް ނުބަލާކަން އެ މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.