ގަލާ ސިމެންތިން ރާނާފައި ހުރި ސްކޫލަށް ދިޔަ ދުވަސްތަކަކީ އެންޖެލީނާ ފޫސްކޯގެ ހަޔާތުގައި ބަނަ ދުވަސްތަކެކެވެ. "ރަހުމަތްތެރިން" ކަމުގައި އޭނާ ދުށް ކުދިން ބުނަމުންދިޔައީ އެންޖެލީނާއަކީ "ނެއްޓެން ނޭނގިގެން އުޅޭ، ގޮތް ދޫނުކުރާ، ފޫހި ގޮތެއް ހުންނަ" ކުއްޖެއް ކަމަށެވެ.

އެކީ އުޅުނު ކުދިން ކަންކަން ރާވަމުންދިޔައީ އެންޖެލީނާ ކުރިމަތީގައެވެ. ނަމަވެސް އެންޖެލީނާއަކަށް ދައުވަތެއް ނުދެއެވެ. އެންޖެލީނާ އެހާ ގިނައިން އެކި ލިޔުންތައް ކީއްވެތޯއާއި، ވަކި ގޮތަކަށް ހެދުން އަޅާނީ ކީއްވެތޯ ކެނޑި ނޭޅި ސުވާލު ކުރެއެވެ.

"އެމީހަކު ކިއާނެ އެއްޗެއް ކިއަން ދޫކޮށްލައިގެން އިންނަނީ. އެއްވެސް މީހަކާ ކުރިމަތިލާކަށް ނުހަދަން" އުމުރުން 14 އަހަރުގެ އެންޖެލީނާ ބުންޏެވެ.

އެންޖެލީނާއަކީ ސްކޫލުގައި ދޭ މަސައްކަތްތަކަށް ގަޔާވާ ދަރިވަރެކެވެ. ނަމަވެސް، އެކީ އުޅެންޖެހިފައިވާ ކުދިންގެ ފަރާތުން ލިބެމުންދިޔަ ލޮލަށް ނުފެންނަ އަނިޔާތަކުގެ ސަބަބުން އޭނާގެ ހިތަށް ދަތިވަމުން ދިޔައެވެ. އެކަމަށް ހައްލެއް ހޯދާ ދެވޭތޯ ޓީޗަރުން ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ. މިއަހަރުގެ ޖަނަވަރީ މަހާ ހިސާބަށް އާދެވުނުއިރު އެންޖެލީނާއަށް ގޮސް ހުސްވިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ސްކޫލުގެ ދޮރޯށިތައް ބަންދު ކުރުމުގެ ކުރިއެވެ. އެންޖެލީނާ ސްކޫލަށް ދިއުން ހުއްޓާލިއެވެ. ބެލެނިވެރިންގެ އެހީތެރިކަމާއެކު އޮންލައިން ސްކޫލަށް އެންރޯލްވިއެވެ. އެ ސްކޫލްގައި އެންޖެލީނާ ކިއަވަމުންދިޔައީ އޭނާގެ ވެށީގެ ހިމާޔަތުގައި އިނދެގެންނެވެ. ބުލީކުރާނެ މީހަކު އެތާކު ނެތެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހުރިހާ ދަރިވަރުންހެން މިހާރު އޮންލައިން ޕްލެޓްފޯމަށް ބަދަލުވާން މަޖުބޫރުވުމާއެކު، ވައިގެ ތެރެއަށް އާތްވަށް ވެގެން އަރައިގެން ދިޔަ ބުލީކުރުމުގެ ވަބާއިން ސަލާމަތްވެ، ހަމަޖެހުމުގެ ނޭވާއެއް ލި ކިތަންމެ ކުދިންނެއް އެބަތިއްބެވެ.

ސްކޫލް ޑްރާމާތައް މުޅިންހެން ހުއްޓުމަކަށް އަތުވެއްޖެއެވެ. ސައެކޮލޮޖިސްޓުންގެ ބަހުން ބުނާ "ޑިޖިޓަލް ޑްރާމާ" ހުއްޓިއްޖެއެވެ.

"ޑިޖިޓަލް ޑްރާމާ" އަކީ އެއްވުންތަކާ، ޕާޓީތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، އެ ތަނަށް ދިއުމުގެ ދައުވަތު ނުލިބޭ ކުދިންނަށް ބާކީވެފައިވާ ބައެއް ކަމުގެ އިހުސާސް ކޮށްދޭ ކަމެކެވެ. ބައެއް ފަހަރު މިކަން ކުރަނީ ރާވައިގެން، ވަކި ކުއްޖަކު ޓާގެޓްވެސް ކޮށްގެންނެވެ. ކޮވިޑް-19އިން ދިފާއުވުމަށް އަޅަންޖެހުނު ފިޔަވަޅުތައް ކިތަންމެ ރަނގަޅަކަށްވެސް މިކަން ހައްލު ކޮށްދީފިއެވެ.

ބުލީގެ ޝިކާރައަކަށްވެ ކުލާހަށް ދާން ދެކޮޅު ހެދި ކިތަންމެ ކުދިންނެއް މިއަދު އޮންލައިން ޕްލެޓްފޯމްގައި ދަނީ މެޑަލްތައް ހޯދަމުންކަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ. އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ރަހުމަތްތެރިން ހޯދުމަށް ބައެއް ކުދިން ފެށި ދަތުރު ހިސާބަކަށް ކާމިޔާބުވާންވެސް ފަށައިފިއެވެ. ގާތުގައި ނުވަތަ ލޮލަށް ފެންނަ ހިސާބުގައި އަބަދު ނެތުމީ، އެކަމަކަށް އިންތިހާއަށް ބޭނުންވާ ކަމަކަށް ވުމީ އިންސާނީ ތޮބިއްޔަތެވެ. ރަހުމަތްތެރިކަމަށްވެސް ވަނީ މިހެންނެވެ.

އޮންލައިން ޕްލެޓްފޯމަށް ސްކޫލްތައް ބަދަލުވެފައި ވާއިރު އެންޖެލީނާ ފަދަ ދަރިވަރުންނަށް ފުރައްސާރަ ކުދިންގެ ކިބައިން ފަސޭހައިން ދިފާއުވެ، ސަލާމަތްވެވޭނެ މަގުތައް އެބައޮތެވެ. ނަމަވެސް ބުލީކުރުން މުޅިން ނެތި ދިޔައީއޭވެސް ބުނެވޭކަށް ނެތެވެ. މިއީ އެންމެ ކުޑަ ކުއްޖާވެސް ޓެކްނޮލޮޖީއާއި އަހުލުވެރި ޒަމާނަކަށްވާއިރު، ހަމަލާ އަމާޒު ކުރަނީ ހެކަރުންގެ ގޮތުގައެވެ. އޮންލައިން ޕްލެޓްފޯމުގައި ގިނަ ދުވަސްވާ ވަރަކަށް އިތުރު މަގުތައް ހޯދުމުގެ ފުރުސަތު ބޮޑެވެ. މިކަމުގައި އޮތީ ބެލެނިވެރިންނާ މުދައްރިސުންވެސް ސަމާލުވެ ތިބުމެވެ. ބުލީ ކުރުން މާޒީ ވެއްޖެ ކަމަށް ނިންމަން އަދި މާ އަވަހެވެ.