މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ގުޅިގެން ސަލާމަތާ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ތަންފީޒު ކުރުމާއެކު ސްރީލަންކާއިން 'މޮކް' އިންތިހާބެއްގެ ވޯޓުލުންތައް ކުރިއަށް ގެންގޮސްފިއެވެ.

މި 'މޮކް' އިންތިހާބުތަކަކީ، މިއަހަރުގެ އޯގަސްޓް މަހަށް ތަވާލު ކޮށްފައިވާ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓުލުމަށް ތައްޔާރު ވުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް މައުލޫމާތު ލިބެއެވެ.

'މޮކް' އިންތިހާބުގައި ވޯޓުދޭން ދިޔަ މީހުން، ވޯޓުލާ މަރުކަޒަށް ހާޒިރުވެ ތިބީ މާސްކު އަޅާ، މޫނު ނިވާކޮށްގެންވެ. ކޮންމެ 2 މީހެއްގެ މެދުގައި 3 ފޫޓު ނުވަތަ 1 މީޓަރުގެ ދުރުމިން ބަހައްޓާފައިވާއިރު، ވޯޓުލާން ދިޔަ ކޮންމެ މީހަކުވެސް ކަރުދާހުގައި ފާހަގަ ޖެހުމަށް ގެންދިޔައީ އެމީހެއްގެ އަމިއްލަ ގަލަމާ ފަންސޫރެވެ.

ސްރީލަންކާގައި މީހަކު ކޮވިޑް-19އަށް ޓެސްޓު ކުރަނީ/ފޮޓޯ: ރޮއިޓާޒް

ވޯޓުލާ މަރުކަޒުގެ އޮފިޝަލުން ހަރަކާތްތެރިވެފައިވަނީ ފޭސް ޝީލްޑް އަޅައިގެން، ޕްލާސްޓިކް ސްކްރީންތަކެއްގެ ފަހަތުގައެވެ. މީގެ އިތުރުން، ވޯޓުލާން ދިޔަ މީހުންގެ ގަޔަށް ޑިސްއިންފެކްޓް ކުރާ ޒާތުގެ އެއްޗިހި ޖަހާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މިއަހަރުގެ އޭޕްރިލް މަހު ކުރިއަށް ގެންދިއުމަށް ރޭވި އިންތިހާބު އޭޕްރިލްއަށް ފަސްކޮށް، އަދި އޭގެ ފަހުން އޯގަސްޓް މަހުގެ 5 ވަނަ ދުވަހަށް ފަސްކޮށްފައިވާއިރު ލަންކާގެ 22 އިންތިހާބީ ދާއިރާގެ ތެރެއިން 4 ދާއިރާއެއްގައި 'މޮކް' އިންތިހާބުތަކުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ، ވޯޓުލާން އިތުރު ވަގުތު ދޭން ޖެހޭތޯ ބެލުމެވެ.

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ ޗެއާމަން މަހިންދަ ދޭޝްޕްރިޔާ ވިދާޅުވީ، 'މޮކް' އިންތިހާބުގައި ބައިވެރިވެ ވޯޓުދިނުމަށް އައި ވޮލަންޓިއަރުން ފޭސްމާސްކު ބޭނުންކުރީތީ އުފަލާއެކު އެކަން ގަބޫލުކުރައްވާ ކަމަށެވެ.

ސްރީލަންކާ ސަރުކާރުންވަނީ ގޭގެއާއި ހިސާބަށް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސާދީފަ/ފޮޓޯ: އަދަދޭރަނާ

މި ދަނޑިވަޅަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލަންކާގައި ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވާ ދަނޑިވަޅެކެވެ. ލަންކާގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 1889 މީހެކެވެ. އަދި މި ބަލީގައި 11 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ލަންކާ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމުގެ އެއްވެސް ހެއްކެއް ނުފެންނަތާވެސް މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. ކަންމިހެން އޮތްއިރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފަށައިގެން، އެ ގައުމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތައް އާންމުކޮށް ހުޅުވާލާނެ ކަން ހާމަކޮށްފައެވެ.