ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ގިނަ ފިޔަވަޅުތަކަކަށް ލުއި ދޭނެ ކަން، ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން ހާމަ ކުރައްވައިފިއެވެ.

އެގޮތުން މިއަދުން ފެށިގެން ފަރަންސޭސިވިލާތުގެ ހުރިހާ ހިސާބެއްގައި ކެފޭއާއި ރެސްޓޯރަންޓްގެ ހިދުމަތް ދެވޭނެ ކަމަށާ، ވިލާތުގެ އެހެން ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަވެސް ދެވޭނެ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ދޮށީ އުމުރުގެ މީހުން ބެލުމަށް ހާއްސަ ކޮށްފައިވާ މަރުކަޒުތަކުގައި ތިބި އާއިލާ މެމްބަރުންގެ ގާތަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ފަރަންސޭސިވިލާތުން ބުނެއެވެ.

ޓީވީ މެދުވެރިކުރައްވާ ގައުމާ މުހާތަބު ކުރައްވަމުން މެކަޣޯން ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް ފަރަންސޭސިވިލާތުގެ 'ފުރަތަމަ ނަސްރު' ކަށަވަރުވެފައި ވާ ކަމަށެވެ. ހޯމަ ދުވަހުން ފަށައިގެން ފަރަންސޭސިވިލާތް އޮންނާނީ އާ ބާބެއްގެ އާ ސޮފުހާއެއްގައި ކަމަށް ސިފަކުރައްވި ނަމަވެސް ވައިރަސް އެނބުރި އަތުވެދާނެ ކަމުގެ އިންޒާރުވެސް މެކަޣޯން ވަނީ ދެއްވާފައެވެ.

ލުއި ދިނުމުގެ މާނައަކީ ވައިރަސް ނެތުން ނޫންކަމަށާ، ރައްކާތެރި ކަމުގެ ގޮތުން ނަގައިގެން ތިބި 'އައްޑަނަތައް' ދޫކޮށްލެވެން ނެތް ކަމަށެވެ. ކުރިއަށް އޮތީ ހޫނު މޫސުމުގެ ދުވަސްވަރު ކަމަށްވާއިރު، އާ ބާރުތަކަކާއެކު ވައިރަސް އެނބުރި އަތުވެދާނެ ކަމަށް ފާރަވެރިވުމަށްވެސް މެކަޣޯން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާޗް މަހަށް ތާވަލުކޮށްފައި އޮތް ފަރަންސޭސިވިލާތުގެ މުނިސިޕަލް (ކައުންސިލް) އިންތިހާބުގެ ވޯޓުލުން، މިމަހުގެ 28 ވަނަ ދުވަހު ކުރިއަށްދާނެ ކަންވެސް އެ ގައުމުގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

ފަރަންސޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވި މީހުންގެ އަދަދަކީ 157220 އެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 54954 ކޭހެއް ރެކޯޑްކޮށްފައި ވާއިރު 869 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، ފަރަންސޭސިވިލާތުން 29407 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިއަހަރު ކުރީ ކޮޅު އެންމެ ހިތްދަތި ތަޖުރިބާކުރި ވިލާތުގެ ގައުމުތަކުން، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވާ ދަނޑިވަޅެކެވެ. އެގޮތުން ޔޫރަޕިއަން ކޮމިޝަނުން ވަނީ، މިއަދުން ފަށައިގެން ވިލާތުގެ ގައުމުތަކުގެ މެދުގައި ދަތުރުކޮށް އުޅެވޭނެ ގޮތަށް ބޯޑަރުތައް ހުޅުވާލުމަށް ހިތްވަރުދީފައެވެ. ކަންމިހެން އޮތްއިރު، މިހާރުވެސް ވިލާތުގެ ބައެއް ގައުމުތަކުން ދަނީ ބައިނަލްއަގުވާމީ މާކެޓަށްވެސް ބޯޑަރުތައް ހުޅުވާލަމުންނެވެ.