ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގެ މައްޗަށް ދޮގު ބަޔާން ދިން މައްސަލައިގައި ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ބަޔާން ދެއްވާފައިވާތީ މ. ދިމްޔާތް، ކ. މާލެ، މުހައްމަދު މުއިއްޒުގެ މައްޗަށް ގާނޫނު ނަންބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހާޅާފައިވާ ކަމަށެވެ.
އެގޮތުން 2 ކަމެއްގައި މުއިއްޒު ދޮގު ބަޔާން ދިން ކަމަށް ޕީޖީން ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއަކަށްވެ ހުރެ ހައުސިންގް ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރުގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ވަނަ އަހަރު ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަަމަށް ވިދާޅުވެ މުއިއްޒު ދެއްވާފައިވާ ދޮގު ބަޔާނުގެ މައްސަލައަކީ އެއް ކަމެއް ކަމަށް ޕީޖީން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ޕީޖީން ފާހަގަކޮށްފައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާއެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ މުއިއްޒު ދެއްވާﷲއިވާ ދޮގު ބާޔަން ކަމަށް ޕީޖީން ބުނެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް މުއިއްޒުގެ މައްޗަށް ވަނީ ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައެވެ.
ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން ދިޔައިރު، މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. އަދި ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅަން މަޖިލީހުން ނިންމިއެވެ.