ޗައިނާގެ އިރުދެކުނު ސަރަހައްދުގައި ޓޭންކާ ޓްރަކެއް ގޮވާ 19 މީހުން މަރުވެ، 170 މީހުން ޒަހަމްވެއްޖެއެވެ.

ޝީޖިއާންގް ޕްރޮވިންސްގެ ހައިވޭގައި ހިނގި މި ހާދިސާގައި ގޮވާފައިވަނީ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބަރުކޮށްގެންދިޔަ ޓޭންކަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ބުރައިގެންދިޔަ ކުނޑިތަކާ، ބޯ ދުމުގެ ސަބަބުން ކައިރި ހިސާބުގައި ހުރި އިމާރާތްތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 2600 އެއްހާ މަސައްކަތްތެރިން ހަރަކާތްތެރިވަމުންދާކަމަށް ޚަބަރު ލިބެއެވެ. މި ސަރަހައްދުގައި އިތުރު ބަޔަކު ތިރި ތިބިތޯ ބަލާ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މި ހާދިސާގައި ގޮވި ޓޭންކަރު އޮޕަރޭޓް ކުރާ ކުންފުންޏަކީ ސިއްހީ އަދި ސަލާމަތާ ގުޅުންހުރި ކަންކަމުގައި އިހުމާލު ވެގެން މީގެ ކުރިން 11 ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފައިވާ ކުންފުންޏެކެވެ.