ޗައިނާގެ ވެރިރަށް ބެއިޖީންގްގައި ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދަން އަންނަ މީހުންގެ ތެރެއިން ހުމުގެ އެއްވެސް އަލާމާތެއް ހުރި ހުރިހާ އެންމެން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޓެސްޓު ކުރަން ހަމަޖެހިފައިވާކަމަށް، ބެއިޖީންގް ހެލްތް ކޮމިޝަނުގެ ތަރުޖަމާނަކު ވިދާޅުވެއްޖެއެވެ.

ވޫ ވިދާޅުވީ މެޑިކަލް ފެސިލިޓީތަކަށް ހިދުމަތް ހޯދަން އަންނަ މީހުންގެ ކިބައިން ހުމުގެ އަސަރު ފެނިއްޖެ ނަމަ އެމީހެއްގެ ހަށިގަނޑުގައި ނިއުކްލެއިކް އެސިޑް ޓެސްޓު، އެންޓިބޮޑީ ޓެސްޓް، ލޭގެ ޓޭސްޓު އަދި ސީޓީ ސްކޭންވެސް ހަދާނެ ކަމަށެވެ.

ބެއިޖިންގް ހެލްތް ކޮމިޝަނުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، އެ ސިޓީގައި ދަނޑުވެރިކަމުގެ ވިޔަފާރީގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ހިންގާ އެންމެ ބޮޑު ބާޒާރު ކަމަށްވާ ޝިންފާދީ މާކެޓް ސަރަހައްދާ ގުޅިފައިވާ 43 ޕޮޒިޓިވް ކޭހެއް ކަށަވަރު ކުރެވުމާއެކުގައެވެ. ބެއިޖީންގްއިން މި ކޭސްތައް ފެނިފައި މިވަނީ، އެ ސަރަހައްދުން ޕޮޒިޓިވް ކޭހެއް ނުފެންނަތާ 56 ދުވަހަށް ފަހުގައެވެ.

ބެއިޖީންގް ސިޓީގެ އޮފިޝަލުން ވިދާޅުވީ ޝިންފާދީ މާކެޓާ ގުޅުންހުރި ރެސިޑެންޝަން ކޮމިއުނިޓީތަކާ، ރެސްޓޯރަންޓް އަދި އެނޫންވެސް އެފަދަ ތަންތަނުން ސްކްރީނިންގް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން މާކެޓްގައި މަސައްކަތް ކުރަމުންދިޔަ ހުރިހާ މުވައްޒަފުންނާ، އެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅުނު މީހުންވެސް ކޮވިޑް-19 އަށް ޓެސްޓު ކޮށް، މެޑިކަލް އޮބްޒަވޭޝަންއަށް ގެންދާނެ ކަން، ބެއިޖީންގްގެ އޮފިޝަލުން ވަނީ ހާމަ ކުރައްވާފައެވެ.

ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިސް އެޕިޑޮމޮލޮޖިސްޓް މޫ ޝުންޔޫއާއި ހަވާލަދީ ޗައިނާގެ ދައުލަތުން ހިންގާ ޝީންހުއާގައި މައުލޫމާތަކަށް ރިއާޔަތްކޮށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ބެއިޖީންގްއިން އަލަށް ފެނުނު ކޭސްތައް ގުޅިފައިވަނީ ޝިންފާދީ މާކެޓްގައި ތަގައްޔަރުވެފައިވާ ސީފުޑް ނުވަތަ އެއްގަމު މަހާއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީގައި، ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުންނެވެ.