ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި އިރު އެމްއެންޑީއެފްގެ ސެކިއުރިޓީ ހުރި ކަމަށް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އެ ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލުކޮށް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަނާނެއްގައި ބުނީ މިއަދު ހެނދުނު 6:30 ހާއިރު ރައީސް ވަހީދާއި އަނބިކަނބަލުންނަށް އަނގަބަހުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ.

އެވަގުތު ރައީސް ވަހީދުގެ، އެމްއެންޑީއެފް ސެކިއުރިޓީން އެ މައްސަލަ ފުލުހަށް ރިފޯޓް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އިތުރުން އެ ބަޔާނުގައި ވަނީ އެމްޑީޕީގެ އެ އެކްޓިވިސްޓް، ރައީސް ވަހީދުގެ ދެކަނބަލުންގެ ހަށިކޮޅަށް އަތްލައި ހަމަލާ ދީފައި ނުވާ ކަމަށާއި ނަމަވެސް ފުރައްސާރަ ކުރި މީހާ ހުރީ އަތް ޖެހޭގައި ގާތުގައި ކަމަށެވެ.

ރައީސް ވަހީދުގެ އޮފީހުން އެ މައްސަލަ ކުއްވެރިކޮށް ބުނެފައި ވަނީ ފުރައްސާރަ ކުރުމުގެ އެފަދަ މައްސަލަތަކަކީ ހަމަލާއެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ރައީސް ވަހީދަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި ރައީސް ވަހީދުގެ ދެކަނބަލުން ހެޔޮ ހާލުކޮޅުގައި ތިއްބެވިކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ

2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު، ރައީސް ކަމަށް ޑރ. ވަހީދު ވަޑައިގެންނެވީ، އޭރުގައި ވެރިއަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ވަހީދު ހުންނެވީ ނައިބު ރައީސަކަށެވެ.