މާލީ އިތުރު އެހީކަމެއް ނުލިބޭނަމަ، އެ އިދާރާއިން ޔަމަނުގައި މިހާރު ހިންގަމުންދާ އެހީގެ މަޝްރޫއުގެ ތަކުގެ 4 ބައިކުޅަ 3 ބައި މަޝްރޫއު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު، އދއިން ދީފިއެވެ.
އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެ އިންސާނީ ކާރިސާއެއް އުފެދިފައިވާ ޔަމަނުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ، ކޮލެރާ ރޯގާގެ ނުރައްކާވެސް އެބަ އޮތެވެ. ޔަމަނުން 564 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 130 އަށް ވަނީ އަރާފައެވެ.
މި އަހަރުގެ މިހާ ހިސާބަށް އާދެވުނުއިރު ޔަމަނުން ކޮލެރާއާއި ބޭރަށް ހިންގުން ޖެހިގެން 137000 ކޭހެއް ވަނީ ރެކޯޑްކޮށްފައެވެ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް 4 ބައިކުޅަ އެއްބައި ކޭސް ހިއްސާކުރަނީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ.
މިފަދަ ހާލެއްގައި އޮތް ޔަމަނުގެ އާބާދީގެ 3 ބައިކުޅަ 2 ބަޔަށްވުރެ ގިނަ މީހުންނަކީ މިހާރުވެސް ބައިނަލްއަގުވާމީ އެހީއަށް ބަރޯސާވަމުންދާ މީހުންނެވެ. އެއީ ގާތްގަނޑަކަށް 24 މިލިއަނެއްހާ މީހުންނެވެ.
މި ހިނގާ ޖޫން މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޔަމަނުގެ ޑޯނާ ކެމްޕޭނަށް 1.35 ބިލިއަން ޑޮލަރު ދިނުމަށް ގައުމުތަކުން ވައުދުވެފައި ވީ ނަމަވެސް، އެއީ ޔަމަނުގައި އދއިން ހިންގާ މަޝްރޫއުތަކުގެ ހަރަދު ކުޑަނުކޮށް ހިންގަން ބޭނުންވާނެ ކަމަށް އެ އިދާރާއިން ކަނޑައެޅި 2.4 ބިލިއަން ޑޮލަރުގެ ބަޖެޓާ އަޅާ ބަލާއިރު އިންތިހާއަށް ދަށް މިންވަރެއްކަން ފާހަގަކުރަންޖެހެއެވެ.
ގައުމުތަކުން 1.35 ބިލިއަން ޑޮލަރު ދިނުމަށް ވައުދުވި ކަމުގައި ވީނަމަވެސް މީގެ ތެރެއިންވެސް ހަގީގަތުގައި އދއާ ހިސާބަށް އަދި ފޯރާފައިވަނީ އެންމެ 47 ޕަސެންޓް ކަމަށް އިންސާނީ އެހީއާއި ބެހޭ އިދާރާ (އޯޗާ)ގެ ތަރުޖަމާނެއް ކަމަށްވާ ޖެންސް ލާކޭ ވަނީ ހާމަކުރައްވާފައެވެ.
އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި އދގެ ފަރާތުން ވާހަކަދައްކަވާ ތަރުޖަމާނު ރުޕާޓް ކޯލްވިލް ވިދާޅުވީ، މާލީ އެހީ ކަށަވަރު ނުވެއްޖެނަމަ، އދގެ އެހީތެރިކަމާއެކު ޔަމަނުގައި ހިންގާ 41 މަޝްރޫއުގެ ތެރެއިން 30 މަޝްރޫއުއެއް ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ހުއްޓާލަންޖެހޭނެ ކަމަށެވެ. މި ވަގުތަކީ އިހުނަށްވުރެ ބޮޑަށް، ބައިނަލްއަގުވާމީ ދުނިޔޭގެ އެހީތެރިކަމަށް ޔަމަނު ބޭނުން ޖެހިފައިވާ ވަގުތެއް ކަމަށްވެސް ކޯލްވިލް ވަނީ ފާހަގަކުރައްވާފައެވެ.