ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް ލ. ގަމުން ލިބުނު ގޯތި ދޫކޮށްލައްވައިފިއެވެ.
ޖީހާން އެ ގޯތި ދޫކޮށްލާފައި މިވަނީ އެ ގޯތި ޖީހާން އަށް ލިބުނު ގޮތާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާފައި ވަނިކޮށެވެ. ގިނަބަޔަކު ސުވާލު އުފެއްދީ ގަމު ކައުންސިލުން ނެރެފައިވާ ގޯތީގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުންނެވެ. އަދި ގިނަބަޔަކު ވަނީ ޖީހާން އަށް އެ ގޯތި ލިބިފައި ގައުމުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ދޭ ބައިން 10 ޕޮއިންޓު ލިބިވަޑައިގެންފައި ވާތީވެސް ސުވާލު އުފައްދާފައެވެ.
ޖީހާން އަށް ގަމުން ގޯތި ލިބުނުއިރު ޖީހާންގެ ފިރިކަލުންނަކީ ގަމުގެ ރަށްވެއްސެކެވެ. އަދި ދެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރިންވެސް ރަޖިސްޓްރީ ކޮށްފައިވަނީ ގަމުގައެވެ.
ލިބުނު ގޯއްޗާ ގުޅޭ ގޮތުން ޖީހާން ވިދާޅުވެފައި ވަނީ ގޯއްޗެއް ހޯދުމަށް ކުރިމަތިލީ ދެ ކުދިންގެ މުސްތަގުބަލަށް ވިސްނާފައި ކަމަށެވެ. ޖީހާން ވަނީ އޭނާ އަކީ އޭނާގެ އުފަން ރަށުންވެސް އަދި މާލެއިން ގޯއްޗެއް އޮތް މީހެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ގަމުން ގޯތި ދޫކުރާކަން އެނގިވަޑައިގަތުމުން ފޯމު ހުށަހެޅުއްވި އިރުވެސް ގޯތި ލިބޭނެ ވަރަށް ޕޮއިންޓު ލިބިގެން ދާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.
މައްސަލަ ބޮޑުވީ ޖީހާން ގަމުގައި އުޅޭ ކަމަށް ބުނާ ބައިން ޕޮއިންޓު ލިބުމުންނެވެ. ނަމަވެސް ޖީހާން ވަނީ އެ ބައިން އޭނާ އަށް ޕޮއިންޓު ލިބުނު ގޮތް ހުދު އޭނާ އަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޖީހާން ވަނީ އޭނާ އަށް އެ ގޯތި ލިބުނު ގޮތާ ގުޅޭ ގޮތުން ރައްޔިތުން ގިނަ ސުވާލުތަކެއް އުފައްދަމުން އަންނާތީ އެ ގޯތި ބޭނުން ނުވާ ކަމަށާއި ގޯތި ބާތިލް ކޮށްދިނުމަށް ކައުންސިލްގައި އެދިވަޑައިގެންފައި ވާނެ ކަމަށް ވިދާޅުވެފައެވެ.
ގަމުން 400 ގޯތި ދޫކުރި އިރު އެ ގޯތިތައް ހޯދުމަށް 1400 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތި ލާފައެވެ.
ވަގެއް ވަގެއް ވަގެއް
ވަގުތީ ގޮތުން ދޫކޮށްލީ ދޯ؟
ދޫކޮށްލިޔަސް. ކުރި ކުށަށް އަދަބު ލިބެންޖެހޭ. އެއީ މަގާމުގެ ހައިސިއްޔަތު ނުހަމަ ގޮތުގައި އަމިއްލަ ފައިދާޔަށް ބޭނުން ކުރުމުގެ ކުށް!
ޓެކުމެން ފޭރެން އުޅުމުން ޖެހޭނެ މައްސަލަ ބަލަން.