އައްޑޫ ސިޓީން އުރުމުން ދުވަސް ވީ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީން) ބުނީ އޭނާއަކީ މާލޭގެ ޓްރާންސިޓް ކަރަންޓީނު ފެސިލިޓީއަކުން އައްޑުއަށް ބަދަލު ކުރި މީހެއް ކަމަށެވެ. އަދި އެއީ އުމުރުން 65 އަހަރުގެ އަންހެނެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެންއީއޯސީން އިތުރަށް ބުނީ އޭނާ މާލޭގައި (ކަރަންޓީނުގައި) ހުރީ އޭނާގެ މާމަ ދަރިއަކާ އެކީ ކަމަށާއި، މާމަ ދަރި ވަނީ ކޮވިޑަށް ނެގެޓިވް ވެފައި ކަމަށެވެ.

މިއަދު އައްޑޫއިން ޕޮޒިޓިވް ކަން އެނގުނު މީހާއަކީ، މާލެ ސަރަހައްދުގައި ޓްރާންސިޓް ކަރަންޓީން ފެސިލިޓީ ގާއިމުކޮށް އެތަންތަނުގައި މީހުން ކަރަންޓީން ކުރަން ފެށިފަހުން، އެފަދަ ފެސިލީޓީއެއްގައި ހުރެފައި ރަށަށް ދިޔަ ފަހުން ޕޮޒިޓިވް ކަން އެނގުނު ފުރަތަމަ މީހާއެވެ. އަދި މީނާއަކީ އައްޑޫން ޕޮޒިޓިވް ވި ފުރަތަމަ މީހާވެސް މެއެވެ.

އެންއީއޯސީން ބުނީ، މިއަދު ޕޮޒިޓިވް ވި މީހާއަކީ އައްޑޫ ކޮމިއުނިޓީ ނުވަތަ އާންމުންގެ ތެރޭގައި އުޅެފައިވާ މީހެއް ނޫން ކަމަށާއި އޭނާ މާލޭގެ ޓްރާންސިޓް ކަރަންޓީނުން ދިޔައީ އައްޑޫ އީކްއަޓޯރިއަލް ކަރަންޓީނަށް ކަމަށެވެ. އަދި ޕޮޒިޓިވް ކަން އެނގުނީ އެތާ އިންދާ ކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހާއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 1977 އަށް އަރާފައި ވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދު ވަނީ 687 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 1046 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އިންޑިއާގެ 190 އަދި ލަންކާގެ 11 މީހަކާއި ނޭޕާލްގެ 24 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އެކު ގައުމުތަކުން ޖުމްލަ 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.