މަޝްހޫރު ސޮނީ ކުންފުނިން ތައާރަފު ކުރަން ހަމަޖެހިފައިވާ އެ ގޭމިންގް ކޮންސޯލް 'ޕްލޭސްޓޭޝަން 5' (ޕީއެސް-5) އާއި ބައެއް އާ ގޭމްތައް ދައްކާލައިފިއެވެ.

ސޮނީއިން ވަނީ ޕީއެސް-5 ގެ 2 ވާޝަންއެއް ދައްކާލާފައެވެ. އެއީ ސްޓޭންޑަޑް ކޮންސޯލްއަކާ 'ޑިޖިޓަލް އެޑިޝަން'އެވެ. އަލަށް ތައާރަފުކުރާ ގޭމްތަކުގެ ތެރޭގައި 'ގްރޭންޑް ތެފްޓް އޮޓޯ 5' އަދި 'ހިޓްމޭން 3' ފާހަގަކުރެވެއެވެ.

މީގެ އިތުރުން 'ސްޕައިޑާމޭން' އެކްސްލޫސިވްއެއްވެސް ޕީއެސް-5އާއިއެކު އަންނާނެކަން ސޮނީއިން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއާއެކު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ރެސިޑެންޓް އީވިލް 8: ވިލެޖް'އަކީވެސް ޕީއެސް-5އާއިއެކު ކަސްޓަމަރުންނަށް ލިބޭނެ ގޭމްއެއް ކަން ސޮނީއިންވަނީ ހާމަކޮށްފައެވެ.

ޕީއެސް-5 ދައްކާލުމާއެކު ސޯޝަލް މީޑިއާގައި ބައެއްގެ ފާޑުކިއުންތައްވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން އާ ގޭމިންގް ކޮންސޯލްއަކީ ވައިފައި ރައުޓަރެއްތޯ ނުވަތަ މިނީފްރިޖެއްތޯ ސުވާލުކޮށް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑުކިއަމުންނެވެ.

ޕީއެސް-4 އާންމު ކުރިތާ 7 އަހަރު ފަހުން، ސޮނީގެ ޕީއެސް-5 މާކެޓަށް ނެރޭނީ، ވާދަވެރި މައިކްރޮސޮފްޓްގެ ގޭމިންގް ކޮންސޯލްގެ ފަހުގެ އެޑިޝަންއާއިއެކު މިއަހަރުގެ ފަހުކޮޅުއެވެ.