ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގަތުމާ އެކު ގަވައިދުން ލޭ އަޅަން ޖެހޭ ތެލަސީމިއާ ކުދިންނާއި، ބޮޑެތި އެކި އެކި ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކުގެ މެދުގައި އުފެދިގެން އައި އެއް ސުވާލަކީ ލޭ ހަދިޔާ ކުރާ މީހެއްގެ ކިބައިން މިބަލި އަރާފާނެތޯއެވެ. އެއްވެސް އަލާމާތެއް ނެތް މީހުންގެ ކިބައިން ވެސް މި ބަލި ފެންނަމުން ދިޔަ ދިއުމުން އެހެން މީހެއްގެ ފަރާތުން ލޭ ހޯދުން ވީ ބޮޑު ބިރުވެރި ކަމަކަށެވެ.

ލޭ ހަދިޔާ ކުރާ ކޮންމެ މީހެއްގެ ވެސް ޖެނެރަލް ހެލްތް ސްކްރީނިން އެއް ހައްދައެވެ. ނަމަވެސް އޭނާ ކޮވިޑް-19 އަކަށް ޓެސްޓެއް ނުކުރެއެވެ. މިކަމާ ބައެއް ފަރާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުމާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އަދި ޑރ. އިބްރާހިމް އަފްޒަލް ވަނީ ކޮވިޑް ހުރިތޯ ދެނެގަންނަން ޕީސީއާރް ޓެސްޓު ނުހައްދާ ސަބަބު ސާފުކޮށްދެއްވާފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އެކަކު ގައިން އަނެކަކު ގަޔަށް ލޭ އެޅުން، ލޭ ބަދަލުކުރުން ނުވަތަ ބްލަޑް ޓްރާންސްފިއުޝަންގައި އަބަދުވެސް ބަލަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ކަމަށެވެ. އަދި މިހާތަނަށް ބްލަޑް ޓްރާންސްފިއުޝަންގެ ކުރިން ހައްދާ ޓެސްޓުތަކާއި ސްކީރިނިންތަކުގެ ތެރެއަށް ޕީސީއާރް ޓެސްޓެއް ލާންޖެހޭ ކަމުގެ ހެއްކެއް އަދި ލިބިފައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބްލަޑް ޓްރާންސްފިއުޝަން ހެއްދުމުގެ ކުރިން ހަދާ ޓެސްޓުތަކަކީ ގިނަ ފަހަރަށް ސީރިއަސް ބަލިތައް ނުވަތަ އެންމެ އެދެވޭފަދަ ފަރުވާއެއް ނުހުންނަ ބަލިތައް ހުރިތޯ ބެލުމަށް ހައްދާ ޓެސްޓުތަކެއް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ޓެސްޓު ކުރަން ވެއްޖެއްޔާ ބައިވަރު ބަލިތަކަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް ބައްޔަކީ ބަލީގެ ޒާތަށް ބަލާނަމަވެސް ހަށިގަނޑުން އަމިއްލައަށް ބަލީގެ މައްޗަށް ގަދަވެ ރަނގަޅުވެވޭ ފަދަ ބައްޔެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބްލަޑް ޓްރާންސްފިއުޝަންގެ ކުރިން ހައްދާ ޓެސްޓުތަކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ވިސްނުންތަކެއް ވިސްނުމަށް ފަހު ބޮޑެތި ނިންމުންތަކަކުން ކަނޑައަޅާ އެއްޗެއް ކަމަށެވެ.

ކަން މިހެން އޮތް ކަމުގައިވީ ނަމަވެސް، ލޭ ހަދިޔާ ކުރާ މީހާ ލޭ ހަދިޔާ ކުރުމުގެ ކުރިން ލޭ ހަދިޔާ ކުރާ މީހާގެ ސިއްހީ ހާލަތު ބަލާނެ ކަމަށާއި، ބައްޔެއްގެ އަލާމާތެއް ހުރިނަމަ އެމީހަކު ގެ ގައިން ލޭ ނުނެގޭނެ ކަމަށް ރ. އަފްޒަލް ވިދާޅުވިއެވެ.

ލޭ ނަގާއިރު ކޮވިޑަށް ޓެސްޓު ނުކުރާ ދެވަނަ ސަބަބަކީ ބްލަޑް ޓްރާންސްފިއުޝަނުން ކޮވިޑް-19 ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އެފަދަ ހެއްކެއް ލިބި، ދުނިޔޭގެ ފެންވަރުގައި މިކަމުގައި ގޮތެއް ނިންމައިފި ނަމަ ރާއްޖެއިން ވެސް އެކަމަށް އަމަލުކުރާނެ ކަމަށާއި، މިހާރު ކޮވިޑް-19 އަކީ ލޭ ނެގުމުގެ ކުރިން ޓެސްޓު ކުރަން ޖެހޭ ވަރުގެ ނުރައްކާތެރިކަން ބޮޑު ބައްޔެއް ކަމަކަށް ނުބަލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ލޭގެ ގްރޫޕްތައް ހުންނަ ފަރާތްތަކުގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ދެކެވޭ ވާހަކަތައް ކަށަވަރު ކަމަށް ބުނެވޭނެ ހެއްކެއް އަދި ފެނިފައި ނުވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދި އެންމެ ދިރާސާއަކުން ދައްކާ މައުލޫމާތަކަށް ބިނާކޮށް މިފަދަ ކަންކަން ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި ސީޑީއެސްސީ ފަދަ ތަނަކުން ހަރުދަނާ ދިރާސާއެއްގެ ނަތީޖާ އާންމު ކުރުމުން ނޫނީ އެކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ.