ކެފޭ ރެސްޓޯރެންޓްތަކުގައި އާންމުން ކައިބޮއެ ހެދުމަށް ހުޅުވާލާނީ މިމަހުގެ 30 ގައި ކަމަށް އެންއޯއީސީން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސިޓީގެ ލޮކްޑައުންއަށް ދޭން ނިންމާފައިވާ ބޮޑެތި ލުއިތައް އިއުލާން ކޮށްފައެވެ. އެގޮތުން، ކެފޭ ރެސްޓޯރަންޓްތަކާ ގުޅެގޮތުން ދީފައިވާ ލުޔަކީ ހޯމަ ދުވަހުން ފެށިގެން ޓޭކްއަވޭއަށް ހުޅުވާލުމެވެ. ހޯމަ ދުވަހުން ފެށިގެން ޓޭކްއަވޭއަށް ހުޅުވާލަން ނިންމާފައި ވާއިރު، މިހާރުވެސް ޑެލިވަރީގެ ހިދުމަތް ދެވެއެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް އާންމު ކެއުން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާލާނީ މިމަހު 30 އިން ފެށިގެންނެވެ.

ލޮކްޑައުން އަށް ލުއި ދިނުމުގެ ގޮތުން އާ އާންމު ހާލަތުގައި ކެފޭ އަދި ރެސްޓޯރަންޓް ތަކާއި ޓޭކްއަވޭގެ ހިދުމަތް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު ހުޅުވާލެވޭނެ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާން ކޮށްފައެވެ.

ނަމަވެސް ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކުފަދަ އަޅައިގެން ތިބުމަކީ އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށާއި ފިހާރަތަކަށް ވެސް އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދު ފާހަގަކޮށް، ގައިދުރުކަން ބެހެއްޓޭނެ ގޮތައް ފާހަގަތައް ޖަހާފައި ބަހައްޓަން ޖެހޭނެ ކަމަށް އެންއީއޯސީން ބުނެއެވެ.

ކޮވިޑް-19ގެ ސަބަބުން ކެފޭ ރެސްޓޯރަންޓްތަކުން ހިދުމަތް ދިނުން މެދުކަނޑާލާ، ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުމަށް އެޗްޕީއޭން އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.