ނިއު ނޯމަލްގައި ނަފްސާނީ ބަލިތަކުގެ ހިދުމަތް ހޮސްޕިޓަލްތަކުން ދޭނެ ކަމަށް އިއުލާން ކޮށްފިއެވެ.

މިކަން އިއުލާން ކުރެއްވީ އެންއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އާމިނަތު ޝައިނާ އަބްދުﷲ އެވެ. އޭނާ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތްތައް އަންނަ ހޯމަ ދުވަހުން ފަށައިގެން ހޮސްޕިޓަލްތަކުން ދޭން ފަށާނެ ކަމަށެވެ.

މި ހިދުމަތްތައް ކުރިން ދެމުން ގެންދިޔައީ ހަމައެކަނި އޮންލައިންކޮށެވެ.

ނަފްސާނީ ބަލިތަކުގެ ހިދުމަތްތައް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދިނުމަށް ނިންމާފައި ވާއިރު ސިއްހީ އެހެނިހެން ހިދުމަތްތައް ވެސް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އޯޕީޑީގެ ހިދުމަތްކާއި ޑައިގްނޯސްޓިކް ހިދުމަތްތައް އަދި ރޭޑިއޮލޮޖީގެ ހިދުމަތްތައް ހިމެނެއެވެ. މި ހިދުމަތްތައް އަލުން ދޭން ފެށިއަސް އޮންލައިން އޯޕީޑީގެ ހިދުމަތްތައް ދެމުން ގެންދާނެއެވެ.

މީގެ އިތުރުން ލޯ ރިސްކުގައި ދަތުގެ ފަރުވާގެ ހިދުމަތްތައް ވެސް ދޭން ނިންމާފައި ވާއިރު ބޭސްފަރުވާއަށް އެއްރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ހިދުމަތްތައް ދޭން ނިންމާފައި ވަނީ ކޮވިޑް-19 ނޫން ބަލިމީހުންނަށް ދޭ ސަމާލުކަން އިތުރު ކުރުމަށްޓަކައި ކަމަށް އެޗްޕީއޭން ބުނެއެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް އަންނަ ހޯމަ ދުވަހުން ފެށިގެން ގިނަ ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން، މާލެ ސަރަހައްދު އާންމުކޮށް ހުޅުވާ އިރު ފާހެއް ނެތި ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަށް އުޅެވޭނެއެވެ.