ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ކުރިން ގެނައި އިސްލާހު ބާތިލުކޮށް، ކުރިއެކޭ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން އަލަަށް ނެރުނު ސާކިއުލާގައިވާ ގޮތުން މިހާރު އިތުރު ގަޑި ނުވަތަ އޯޓީ ފައިސާ ދޭނީ ކުރިން ވެސް ދެމުން އައި ގޮތަށް އިތުރު ގަޑީގެ ބޭރުން މަސައްކަތް ކުރުމުންނެވެ. ސަރުކާރު އޮފީސްތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާތަނަށް ތަފާތު ގޮތް ގޮތަށް އަމަލު ކުރަމުން ދާތީ އެ އޮފީސް ތަކުން އިތުރު ގަޑީގެ ފައިސާއަށް ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުން ދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން މަޖުބޫރުވެފައި ވާތީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދިހަމަހަމަ އުސޫލަކުން އަމަލު ކުރާނެ ގޮތް ތަކެއް ކަނޑައަޅަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުކަތައް ލިބެމުންދާ ގެއްލުމުގެ ސަބަބުން ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅުތަކާއެކު، ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ މަހުގެ 20 ވަނަ ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުވަތަ އޯވަޓައިމް (އޯޓީ) ލިބޭނީ 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެ ސާކިއުލާ ބާތިލު ކޮށް، އަލުން ކުރިއެކޭ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް ހަމަޖައްސާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މޭ މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހެވެ.