ހިލޭ ބޭނުންކުރެވޭ ފޭސްބުކް ވާޝަން، 'ފޭސްބުކް ފްލެކްސް'، އުރީދޫ އާއި ފޭސްބުކް ގުޅިގެން ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ ފޭސްނުކް ފްލެކްސް ތައާރަފްކުރީ އުރީދޫގެ އަމާޒާއި އެއްގޮތުގެ މަތިން، ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް ގުޅުވާލަދީ، ޑިޖިޓަލް މުޖުތަމައުއެއް ގާއިމްކުރުމަށް ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ސޯޝަލް ނެޓްވޯކިންގް ވެބްސައިޓް ކަމަށްވާ ފޭސްބުކް އާއި ގުޅިގެން ކަސްޓަމަރުންނަށް މި ހިދުމަތް ތައާރަފް ކުރެވިފައިވަނީ އެކަކު އަނެކަކާ މުއާމަލާތްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ހުރިހާ ކަސްޓަމަރުންވެސް ގުޅުވާލަދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ މޯބައިލް ޑޭޓާގެ ހިދުމަތް ބޭނުންކުރާ ކޮންމެ ފަރާތަކަށްވެސް، ހިލޭ ބޭނުންކުރެވޭ ފޭސްބުކް އަދި ފޭސްބުކް މެސެންޖާ ގެ "ފްރީ މޯޑް" ބަޓަންއަށް ފިތާލުމުން ހިލޭ ބޭނުންކުރެވޭނެ ކަމަށެވެ. އަދި މޯބައިލް ފޯނު ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް free.facebook.com މެދުވެރިކޮށް މިހިދުމަތް ބޭނުންކުރެވޭއިރު، އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ފޭސްބުކް އަދި ފޭސްބުކް މެސެންޖާ އެޕްލިކޭޝަން މެދުވެރިކޮށް ފޭސްބުކްގެ ހިލޭ ވާޝަން ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ ފޭސްބުކް ފްލެކްސް ގެ ހިދުމަތާއިއެކު އާދައިގެ މޯބައިލް ފޯން ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ހިދުމަތް ފޯނު މެދުވެރިކޮށް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސް އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، ގާތް މީހުންނާ ދުރުގައި ތިބެ، ކުރިމަތިލަމުން މިދަނީ ހީވެސް ނުކުރާފަދަ ތަފާތު ދުވަސްތަކަކާ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި އުރީދޫއިން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ މެދު ކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އާއިލާ އާއި ރައްޓެހިންނާއި ދެމެދު އޮންނަ ގުޅުން ޑިޖިޓަލްކޮށް ބަދަހި ކުރުމުގެ މަގުފަހިކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ގުޅުވާލަދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ފޭސްބުކް ފްލެކްސްގެ ހިދުމަތާއިއެކު، ޑޭޓާ ބޭނުންކުރާވަރު އިތުރަށް ކޮންޓްރޯލް ކުރުމުގެ މަގުފަހިވެ، ޑޭޓާ ބެލެންސް ނެތިވެސް ފޭސްބުކް އަދި ފޭސްބުކް މެސެންޖަރގެ ބޭސިކް ހިދުމަތްތައް ބޭނުންކުރެވޭނެ ކަމަށެވެ.

އުރީދޫ ކަސްޓަމަރުންނަށް ފޭސްބުކްގެ ފްރީ ވާޝަން، “ފޭސްބުކް ފްލެކްސް” މެދުވެރިކޮށް ޕޯސްޓްކޮށް، ޕޯސްޓްތަކަށް ލައިކްކޮށް، ކޮމެންޓްކޮށް އަދި ޓެކްސްޓް ބޭސްޑް ކޮންޓެންޓް މިހާރު ބްރައުޒް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިް ބުނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ރައްޓެހިންނާއި އާއިލާގެ ހާލު އަހުވާލު ބަލާލާ މުޅިން ހިލޭ ޗެޓް ކޮށްލެވޭނެ ކަމަށެވެ.

ނަމަވެސް ފޮޓޯއާއި ވީޑިއޯ ހިމެނޭ ޕޯސްޓްތައް ބަލާލުމަށް، ބޭނުންވާ ޕޯސްޓަށް ފިތާލުމުން ޑޭޓާއަށް ޗާޖް ކުރެވޭނެ ކަމުގެ މެސެޖެއް ޕޮޕްވުމުން "USE DATA" އަށް ފިތާލުމުން ފޭސްބުކް ގެ ފުލް ވާޝަން އަށް ބަދަލުވެގެންދާނެ ކަމަށް އުރީޑޫން ބުނެއެވެ. އެ ކުންފުނިން ބުނީ، ފޭސްބުކް ފްލެކްސްއިން ފުލް ވާޝަނަށް ބަދަލުކޮށްލުމުން، ގެންގުޅޭ ޑޭޓާ ޕްލޭން ނުވަތަ ސޯޝަލް މީޑިއާޕްލޭންއިން އާދައިގެ މަތިން ޑޭޓާއަށް ޗާޖް ކުރާނެ ކަމަށެވެ.