ދިރާގުން ފުރަތަމަ ފަހަރަށް އެ ކުންފުނީގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) އޮންލައިންކޮށް ފަށައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ، ދިރާގުން މި އަހަރު އޭޖީއެމް ބޭއްވީ އެ ކުންފުނީގެ ބޯޑު މެންބަރުންނާއި އާންމު ހިއްސާދާރުން ގޭގައި ތިބެގެން އޮންލައިންކޮށެވެ. މިއީ ދިރާގުގެ ދިގު ތާރީހުގައި އޮންލައިންކޮށް މި ބައްދަލުވުން ބޭއްވި ފުރަތަމަ ފަހަރެވެ.

މިއަދު ހެނދުނު 11:15 ގައި ފެށި މި ޖަލްސާގައި ވޯޓު ދިނުން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށެވެ. ދިރާގުން ބުނީ، އިވެންޓު ނިމުމުން އޭޖީއެމްގެ މައުލޫމާތު އާންމު ޕަބްލިކަށް ހިއްސާ ކުރާނެ ކަމަށެވެ.

އޭޖީއެމްގެ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ ކަންކަމަށް ބަލާލާއިރު، އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް މެންބަރަކު ހޮވުމާއި، ހިއްސާގެ ފައިދާގެ ގޮތު ބަހަން ކަނޑައަޅާފައިވާ އަދަދު ފާސް ކުރުމާއި، ކޭޕީއެމްޖީ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައެޅުމާއި، އިންޓަރިމް ޑިވިޑެންޑް ބެހުމުގައި އަމަލު ކުރާނެ އުސޫލް ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން ދިރާގުން ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 912 މިލިއަން ރުފިޔާ ބަހަން އޭޖީއެމްއަށް ހުށަހަޅަން ނިންމާފައެވެ. އަދި މި އަދަދު ބަހަން ނިންމާފައިވަނީ ހިއްސާއަކަށް 12 ރުފިޔާގެ މަގުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްދާ ދިރާގަކީ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 41.8 ޕަސެންޓް ހިއްސާ އަދި އާއްމުންގެ 6.2 ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަކީ ދިވެހިންނެވެ.