ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން)ގެ ރައީސް ޝަހްބާޒް ޝަރީފު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

ޝަހްބާޒްއަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިދިކޮޅު ލީޑަރެވެ. ޕަންޖާބުގެ ޗީފް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަހްބާޒްއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ކޮއްކޯފުޅެވެ.

ޕީއެމްއެލް-އެންގެ ތަރުޖަމާނު މަރިއަމް އައުރަންގްޒީބު ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވުމާއެކު ޝަހްބާޒް މިވަގުތު ހުންނެވީ އަމިއްލަ ގެކޮޅުގައި 14 ދުވަހުގެ ސެލްފް-ކަރަންޓީނުގައި ކަމަށެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޝާހިދު ހައްގާން އައްބާސީވެސް ކޮވިޑް-19އަށް ޕޮޒިޓިވްވީ މި ހަފުތާގެ ކުރީކޮޅުއެވެ. އައްބާސީއަކީ ޕީއެމްއެލް-އެންގެ އިސް ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެއްވެސްމެއެވެ. ފާއިތުވީ ދުވަސްތަކުގައި ޕާކިސްތާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި ސިޔާސީ ޝަހްސުންނަށް ބަލާއިރު މިވަގުތު ސެލްފް-އައިސޮލޭޝަންގައި ހުންނެވި ފެޑެރަލް ރެއިލްވޭޒް މިނިސްޓަރު ޝައިހު ރާޝިދު އަހުމަދު ފާހަގަކުރެވެއެވެ.

ރަސްމީ ރެކޯޑްތަކުން ދައްކާ ގޮތުގައި ޕާކިސްތާނުން މިހާތަނަށް 119536 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.