އަވަށްޓެރި ސްރީލަންކާގެ އާންމު އިންތިހާބުގެ ވޯޓު ލުން މިއަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނީ، 3 މަސްދުވަހުގެ ޑިލޭއަކަށްފަހު އޯގަސްޓް މަހު އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން، ކަމާބެހޭ ސިއްހީ އިދާރާތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ މެމްބަރު ރަތުނަޖީވާން ހޫލޭ ވިދާޅުވީ މި ތާރީހަކީ އިންތިހާބާ ގުޅިގެން ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވާން ފުރުސަތު ލިއްބައިދޭނެ ތާރީހެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަރު މަހިންދަ ދޭޝަޕްރިޔާ ވިދާޅުވީ އިންތިހާބުތަކުގައި އަމަލު ކުރަންޖެހޭ ސިއްހީ މިންގަނޑުތައް ތަޖުރިބާކުރުމުގެ ގޮތުން މި ހަފުތާ ބަންދުގައި 'ރަމްޒީ/މޮކް' އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަގައި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ލިސްޓުގައި ގުނާލެވޭ ސްރީލަންކާއިން މިހާރު ދަނީ، ކުރިން ތަންފީޒު ކުރި ބައެއް ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އެގޮތުން މިމަހުގެ ފަހުކޮޅު ސްކޫލްތައް ހުޅުވާނެކަން އިއުލާންކޮށްފައިވާއިރު، އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށްވެސް ބޯޑަރު ހުޅުވާލާނެކަން ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކުރިއަށް އޮތް އާންމު އިންތިހާބުގެ ސިޔާސީ މަސްރަހަށް ބަލާއިރު، ރައީސް ގޮތަބާޔާ ރާޖަޕަކްސަ ގެންދަވަނީ އޭނާގެ ޕާޓީއަށް މަޖިލީހުގެ 3 ބައިކުޅަ 2 ބައި ލިބޭނެ ކަމަށް އުއްމީދު ކުރައްވަމުންނެވެ. މިއާއެކު ގާނޫނަށް ބަދަލުތަކެއް ގެނެސް، ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ބާރާ އިމްޔާޒުތައް ވަރުގަދަ ކުރުމަށް ގޮތަބާޔާއަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް މުރާސިލުން ބުރަވެއެވެ.

އާންމު އިންތިހާބު 3 މަސްދުވަހަށް ލަސްވެފައިވާއިރު ގާނޫނީ ގޮތުން މަޖިލީހަކާ ނުލާ ގައުމު ހިންގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.