ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމުގެ ފުރުސަތު މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.

މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ފާއިތުވި ދުވަސްތަކުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ހޯދާފައިވާ މައުލޫމާތުތަކުން ފާހަގަކުރެވޭ ކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ރައްޔިތުންގެމަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ވަނީ ސަބް ކޮމެޓީއެއް އުފައްދާފައެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް އެ ކޮމެޓީން އަންނަނީ ކުރަމުންނެވެ.

އެ މައްސަލަ ދިސާރާކުރަމުން ދިޔައިރު، ދެންނެވި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން، އެކޮމިޝަނަށް ހުށަހެޅި ބައެއް މައްސަލަތައް ނުވަތަ ޝަކުވާތައް އެ ކޮމިޝަނުން ބަލާފައިނުވާކަން ސަބް ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެ

އެހެންކަމުން، ގާނޫނު ތަންފީޒުކުރާ އިދާރާއަކާ ނުވަތަ އެ އިދާރާއެއްގެ މުވައްޒަފަކާ ގުޅޭގޮތުންއެ ކޮމިޝަނަށް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ބަހެއް ހޯދުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއްނުވަތަ ޝަކުވާއަކާ ގުޅޭގޮތުން ސަބް ކޮމިޓީއަށް މަޢުލޫމާތެއް ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ މައުލޫމާތެއް ހުށަހަޅުއްވާ ފަރާތުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ބަޔާންކޮށް، އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ގުޅޭ މައްސަލަ ބަލަމުން އަންނައިރު ކޮވިޑް19 އާއި ގުޅިގެން މިނިވަން މުއައްސަސާތަކުން މަސައްކަތްތައް ރާވާފައިވާ ގޮތްތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް އެ ކޮމިޝަނަށްވެސް މިނިވަން މުއައްސަސާތަކާ ބެހޭ މަޖިލީހުގެ ކޮމެޓީން ފޮނުވިއެވެ. ނަމަވެސް އެކަމަށް އެ ކޮމިޝަނުން އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ކޮމިޝަނުގެ މެންބަރުން މަގާމުން ވަކި ކުރުމަށް ގޮވާލައިފައެވެ.