އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް އެތައް ސަތޭކަ ބޯޓެއް ޖަމާވެ އާދަޔާ ހިލާފު ހަރަކާތްތަކެއް ހިންގަމުންދާކަން ލޫކަސް ކުއޯއާއި ލޯރެން ސަންގްގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އެމެރިކާގެ ވޮޝިންގްޓަންގައި ހިންގާ ސެންޓާ ފޮ އެޑްވާންސްޑް ޑިފެންސް ސްޓަޑީޒް (ސީފޯއެޑްސް)ގައި އެ ދެ މީހުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން މި ދެ މުރާސިލުންވެސް ދިޔައީ އުތުރުގެ ކޮރެއާގެ ކަނޑުގެ ސަރަހައްދުގައި ހިނގަމުންދިޔަ ކަންކަން ވަރަށް ގާތުން ވިލަރެސް ކުރަމުންނެވެ.
ސަބަބެއް ނެތިއެއް ނޫނެނެވެ. އުތުރު ކޮރެއާގެ ވެރިރަށުން ބޮޑެތި ވިޔަފާރިތަކެއް ކުރާ ކަމުގެ އަޑުތައް އޮންނަނީ ފެތުރިފައެވެ. ބޯޓު ދެއްޔާ، އެނޫންވެސް އަގުހުރި މައުދަނުގެ ވިޔަފާރި ކުރާ ކަމުގެ ޚަބަރުތައް ފެންމަތިވެއެވެ. އެގައުމުން މިކަން ކުރަނީ، އުތުރު ކޮރެއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށްވެސް ނުފެންނަހާ ސިއްރުން ކަމުގައި ވާތީއެވެ. އުތުރު ކޮރެއާއިން މި ޖަރީމާ ހިންގަނީ އެކްސްޕޯޓްކުރާ މުދާ ބަނދަރަށް ގެންދިއުމުގެ ބަދަލުގައި ކަނޑުގެ ސަރަހައްދަށް ގެންގޮސް، އެއް ބޯޓުން އަނެއް ބޯޓަށް މުދާ ބަރުކުރަމުން ގޮސް، އެ މުދަލުގެ ހަގީގީ ނަސްލު އޮޅުވާލައިގެންނެވެ.
މި ގޮތުގެ މަތިން، އެއް ބޯޓުން އަނެއް ބޯޓަށް ބަދަލު ކުރަމުންދާ މުދަލުގެ ޒާތަށް ބަލާއިރު މިއީ ކިމް ޖޮންގް އުންގެ ސަރުކާރަށް އެތައް މިލިއަން ޑޮލަރެއް ވައްދާދޭނެ ކަމެއްކަން ފާހަގަކުރަން ޖެހެއެވެ. މިކަން މި ގޮތަށް ކުރަންޖެހެނީ ހަލުވި ދުވެއްޔެގައެވެ. މަދު ބޯޓުތަކެއް ބޭނުންކޮށްގެންނެވެ. މިއާ ހިލާފަށް ކުއޯއާއި ސަންގްއަށް ފާހަގަވަމުން ތިޔައީ ތަފާތު ހަރަކާތެކެވެ. ކަމެއް ގޯސްވާކަން ދެނެގަނެވުނެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އުތުރު ކޮރެއާގެ ސަރަހައްދުގައި 279 ބޯޓެއް ހަރަކާތްތެރިވިކަން އެނގުނެވެ. އަދި އެއީ ވަރުގަދަ އޮޕަރޭޝަނަކަށްވިއެވެ. ފަހަރެއްގައިވެސް މި ބޯޓުފަހަރަކީ ހަތިޔާރާ ޑްރަގާ ވަގު ޑޮލަރާ، ނެތި ދިއުމުގެ ބިރު ހީވެފައި އަގުބޮޑު ދިރުންތަކުގެ ވިޔަފާރީގައި ހަރަކާތްތެރިވި ބޯޓުތަކެއް ނޫނެވެ. އެ ބޯޓުތަކުގައި އުފުލަމުންދިޔައީ ބޯޓު ދެއްޔެއްވެސް ނޫނެވެ. ނަމަވެސް އުތުރު ކޮރެއާގެ އެންމެ އަގު ހުރި އެކްސްޕޯޓްއެވެ. ވެއްޔެވެ!
މިއީވެސް އުތުރު ކޮރެއާއަށް މަނާ ވިޔަފާރިއެކެވެ. އުތުރު ކޮރެއާގެ ސަރަހައްދުން ނަގާ ވެލީގެ ވިޔަފާރި ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެކެވެ.
ކަންމިހެން އޮތީ ލިޔުމުގައެވެ. އދގެ ތަހުގީގު ޓީމަކުން މިއަހަރުގެ އޭޕްރިލް މަހު އާންމުކުރި ރިޕޯޓް ބުނާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް އުތުރު ކޮރެއާއިންވަނީ ވެލީގެ ވިޔަފާރި ކޮށްގެން 22 މިލިއަން ޑޮލަރު ހޯދާފައެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އަހަރު ނިމުމާ ހިސަބަށް އުތުރު ކޮރެއާއިން 1 މިލިއަން ޓަނުގެ ވެލި، ގައުމުން ބޭރުކުރިއެވެ.
ކުއޯއާއި ސަންގްގެ ހޯދުންތަކަށް ޖެހިލާނަމެވެ. އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޯޓުފަހަރުން 'ޕެޓާން'އެއް ފާހަގަކުރެވުނެވެ. މި ހުރިހާ ބޯޓުތަކެއްވެސް ގުޅެނީ ޗައިނާއާއިއެވެ. ބައެއް ބޯޓުތަކުގައި ޗައިނާގެ ދިދަ ނަގާފައި ހުރިއިރު އަނެއް ބައި ބޯޓުތަކަށް ދީފައިވަނީ ޗައިނާގެ ނަންތަކެއްކަންވެސް ފާހަގަކުރަންޖެހެއެވެ. މިއީ މުދަލުގެ ނަސްލު އޮޅުވާލުމުގައި ބޭނުން ކުރާ އުކުޅުތަކާ ހިލާފު ކަމެއް ކަމުން އިތުރު ތަހުގީގުތަކަށް ދިޔައެވެ.
ސަންގް ބުނި ގޮތުގައި އުތުރު ކޮރެއާއިން ވެލީގެ ވިޔަފާރި ކުރާތާ އެތައް ޒަމާނެއްވެފައިވާއިރު، މި މުދާ ވިއްކަނީ ކައިރި ގައުމުތަކަށެވެ.
އަދުގެ ދުނިޔެއަށް ބަލާއިރު ވެއްޔަކީ ރަނޭވެސް ބުނެވިދާނެއެވެ. އެކި ބޭނުން ތަކަށް އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 ބިލިއަން ޓަނުގެ ވެލި ބޭނުން ކުރެއެވެ. މިއީ ފެން ފިޔަވާ، އެހެނިހެން ގުދުރަތީ ވަސީލަތްތައް ބޭނުން ކުރާ މިންވަރަށްވުރެ އިތުރު އަދަދެކެވެ. އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދުން ފާހަގަވި ކަންކަން ދެކޮޅު ޖެހެނީ މިހާ ހިސާބުންނެވެ. ޗައިނާއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް ވެލި ބޭނުން ކުރަމުންދާ ގައުމެވެ. އުމްރާނީ ބިނާވެށީގެ ތަރައްގީގެ ރަސްގެފާނެވެ. ދުނިޔޭގެ ތާރީހު ނުދެކޭ ވަރުގެ 'ކޮންސްޓްރަކްޝަން' މަސައްކަތްތަކެއް ޗައިނާއިން ދަނީ 2010 ވަނަ އަހަރުން ފެށިގެން ކުރަމުންނެވެ. މުޅި ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން ވެލި ބޭނުން ކުރާ މިންވަރު އެއްކޮލުމުން އަންނަ އަދަދަށްވުރެ، ޗައިނާއިން އެކަނި ވެލި ބޭނުން ކުރާ މިންވަރު އިތުރެވެ.
ކަންމިހެން އޮތް ނަމަވެސް މިކަމުގައި ގޯހެއް އުޅޭކަމަށް ޗައިނާއިން އިންކާރު ކުރެއެވެ. ޗައިނާއިން ބުނަމުންދަނީ އެގައުމާ މަތިކޮށްފައިވާ ބައިނަލްއަގުވާމީ ޒިންމާތައް އަދާކުރަމުންދާކަމަށެވެ. މި ތުހުމަތުތަކަށް އުތުރު ކޮރެއާއިންވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.