ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންދުކޮށްފައިވާ ސްކޫލްތައް އަލުން ހުޅުވާނެ އުސޫލުތައް، އަވަށްޓެރި ސްރީލަންކާއިން ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ތައުލީމާ ބެހޭ ވަޒީރު ދުއްލާސް އަލަޕެއްރުމާ ވިދާޅުވީ ޖޫން 29 ވަނަ ދުވަހުން ފެށިގެން ސްކޫލްތައް އަލުން ހުޅުވިގެންދާނެ ކަމަށާ، މިކަން ކުރިއަށްދާނީ މައިގަނޑު 4 މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.

ޖޫން 29 ވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވާލުމަށް ނިންމާފައިވަނީ ތައުލީމާ ބެހޭ ވުޒާރާއާއި، ސްރީލަންކާގެ ސަރުކާރުގެ އިތުރުން ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުންނާ ކޮވިޑް-19އަށް ހާއްސަކޮށްގެން ސްރީލަންކާގެ ރައީސް އެކުލަވާލެއްވި ޓާސްކް ފޯހުގެ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަރުހަލާތައް ތަފްސީލު ކޮށްދެއްވަމުން ވަޒީރު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ފޮނުވާނީ ސާކިއުލާއެއް ކަމަށާ އެ ސާކިއުލާއަކީ ޓީޗަރުންނާ ޕްރިންސިޕަލުންގެ އިތުރުން އިދާރީ މުވައްޒަރުންނާ ސްކޫލް ބޯޑުގެ މެމްބަރުން ޖޫން 29 އިން ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށް ސްކޫލަށް ރިޕޯޓް ކުރުމަށް ގޮވާލާ ސާކިއުލާއެއް ކަމަށެވެ. ޖޫން 29 ވަނަ ދުވަހު ސްކޫލްތައް ހުޅުވި ކަމުގައި ވީ ނަމަވެސް ދަރިވަރުން ހާޒިރު ނުވާނެ ކަމަށާ، އެހެނީ ފުރަތަމަ ހަފުތާގައި ކުރިއަށްދާނީ ސްކޫލް ޑިސްއިންފެކްޓް ކުރުމާ، ކުލާސްރޫމްތައް ސާފުކުރުމާ، ސްކޫލްގައި މިހާރު ހުރި ބައެއް ނިޒާމުތައް އަދާހަމަކުރުމުގެ މަސައްކަތްތައް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދަރިވަރުންނަށް ސްކޫލްތައް ހުޅުވާނީ ޖުލައި 6 ވަނަ ދުވަހުން ފެށިގެން ކަމަށާ، އެކަންވެސް ކުރިއަށްދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ލަންކާގެ ތައުލީމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. ކަންމިހެން އޮތް ނަމަވެސް، ގުރޭޑް 1 އަދި 2 ގެ ދަރިވަރުން ސްކޫލަށް ހާޒިރު ކުރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގެ ނިޒާމަށް ބޮޑު ލޮޅުމެއް އަރާ މަޑުޖެހިފައިވާއިރު، މިއަހަރުގެ އޯގަސްޓް މަހު ލަންކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ޖީސީއީ އޭލެވަލް އިމްތިހާނުތައް، ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހަށް ފަސްކޮށްފައިވާކަމަށްވެސް ލަންކާގެ ތައުލީމާ ބެހޭ ވުޒާރާއިންވަނީ ހާމަކޮށްފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން އުޅޭ ގައުމުކަމަށްވާއިރު، ގިނަ އަދަދެއްގެ ދިވެހިން ދަނީ ލަންކާގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.