ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާ ގުޅިގެން ބަންދު ކޮށްފައިވާ ސްކޫލުތަކުގެ ކިޔެވުން އަލުން ފެށުމަށްޓަކައި ތައްޔާރުވުމަށް ސްކޫލުތުކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައި ވަނީ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައި ދިނުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަދި ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާން ޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީއާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

ސާކިއުލާގައި ބުނެފައި ވަނީ ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައި ދިނުމުގެ އިންތިޒާމް ތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރަން މިހާލަތުގައި ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަ ކަމާއެކު ފޯރުކޮށް ދޭން ގިނަ މަސައްކަތް ތަކެއް ކުރަމުން ދާ ކަމަށްވެސް މިނިސްޓަރު ފޮނުއްވި ސާކިއުލާގައި ބުނެފައި ވެއެވެ.

ސްކޫލްތައް ހުޅުވާނެ ވަކި ތާރީހެއް ކަނޑައަޅާނީ އެޗްޕީއޭއިންނެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ގޫގުލް ކްލާސްރޫމް އަދި ޓެލިކިލާހުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސައި ދަރިވަރުންގެ ހާޒިރީ ބަލަން ވަނީ އަންގާފައެވެ.

ސްކޫލުތައް ކޮވިޑް19 ގެ ސަބަބުން ބަންދު ކުރުމަށް ނިންމީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކިޔަވާ ދެމުން ދިޔައީ ޓެލިކިލާސްތައް މެދުވެރި ކޮށެވެ. ނަމަވެސް މާލެއިން ކޮވިޑް19 ފެނުމާ ގުޅިގެން ޓެލިކިލާސްތައް ވެސް ހުއްޓާލުމަށް ފަހު މިހާރު އަނެއްކާވެސް ވަނީ އަލުން ފަށާފައެވެ.