ފުލުހުންގެ މުއައްސަސާގައި މިހާރު ތިބި ފުލުހުންގެތެރެއިން ވައްކަމުގެ ތުހުމަތު އޮތް މީހުން މިހާރުން މިހާރަށް ސަސްޕެންޑްކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
މިއަދު މަޖިލީހުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސް ކުރިއަށް ދިޔަ ވަގުތު ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ސަލާމަތީ ކަންކަމާބެހޭ ކޮމިޓީން ދަނީ ފުލުހުންގެ ބައެއް ތަހުގީގުތައް ބަލަމުން ކަމަށެވެ. އޭގެތެރޭގައި އެމްއެމްޕީއާރްސީގެ ވައްކަމުގެ ތަހުގީގު ދަނީ ބަލަމުން ކަމަށާއި ފުލުސް އޮފީހުގައި އެމްއެމްޕީއާރްސީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހުން އެބަތިބި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ ވައްކަމުގައި ތުހުމަތު ކުރެވޭ ފުލުހުން އެ މުއައްސަސާގައި ތިބުމުން އެ ތަހުގީގު ކުރިއަށް ގެންގޮސް ކަންކަން ނިންމުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށް އެ ފަރާތްތައް ސަސްޕެންޑްކުރުމަށް ނަޝީދު ގޮވާލެއްވިއެވެ.
ފުލުހުންގެ ތެރޭގައި ހިންގަމުން އަންނަ ޑްރަގްގެ މައްސަލަަތަކާއި ޑްރަގްގެ ވިޔަފާރި ކުރަމުން އަންނަ މީސްމީހުންނާއި ފުލުހުންނާއި އޮންނަ ގުޅުން މަޖިލީހުގެ މެންބަރުން ބެއްލެވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ރަޔަޓް ފުލުހުންނާއި ގޭންގްތަކާ އެކު މި އޮންނަ ގުޅުން ދެނެގަތުމަކީވެސް ވަރަށް ބޭނުންތެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޑީ ދައުލަތެއް އޮތް ކަމަކީ އެންމެންނަށްވެސް ޝައްކުކުރެވޭ ކަމެއް ކަމަށާއި ތަހުގީގެއް ވާއެއްނުވާއެއް ނޭނގޭގޮތަށް އަނބުރާލާ ތަން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިސާލަކަށް މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާއިގައި ފާރަލީ ފުލުހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ މައްސަލައާއި އަދި ފަހުން ފެންމަތިވެގެން އައި ގިނަ ބޮޑެތި މައްސަލަަތަކުގައި ފުލުހުންގެ މުއައްސަސާ ދެފަރާތުގައި ވާ މިންވަރަށް ޝައުގުވެރިކަން ބަހައްޓާއިގައި މަޖިލީހުގެ މެންބަރުން އިލްމީ ނަޒަރަކުން ބައްލަވަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު އެ މުއައްސަސާގެ ވަޒީފާގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ އިދާރީ ތަހުގީގެއް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވެފައި ވެއެވެ. ކުރީގެ ސީޕީއަކާއި ކުރީގެ ޑީސީޕީއަކު ވަރަށް ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯއްދަވާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ސީޕީ ވިދާޅުވެފައި ވެއެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގު މިވަގުތު ފުލުހުންގެ މުއައްސަސާގައި ތިބި އެކި ރޭންކުތަކުގެ މީހުން ހިމެނޭ ގޮތަށް ހިންގަވާނެ ކަމަށްވެސް ސީޕީ ވިދާޅުވެފައި ވެއެވެ.
ވަޒީފާއިން ވެސް ވަ ކި ކުރަންވީ! އާންމު މީހެއްނަމަ ދެން ރުޖޫއު ވުމެއް ނެތެވެ!