ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އެ ގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު 1 ލައްކައަށް ވުރެ މައްޗަށް އަރާފައި ވާކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ވަނިކޮށް، ހޮސްޕިޓަލުތަކަށް ޖާގައިގެ ދަތިކަން ކުރިމަތިވެ، ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެޑްމިޓް ކުރާނެ އެނދުތައް ހުސްވަމުން އަންނަ ކަމުގެ އިންޒާރު، އެ ގައުމުގެ ހޮސްޕިޓަލުތަކުން ދީފިއެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އިންޑިއާ، ޕާކިސްތާނު އަދި އަފްގާނިސްތާނާ ބަންގްލަދޭޝްއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ދުވަސްވަރު ހަލުވިކަމާއެކު ދަނީ އިތުރުވަމުންނެވެ. ވިލާތާ ހުޅަނގުގެ ބާރުތަކާ އަޅާ ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުން ރިޕޯޓްކުރާ ކޭސް ނަމްބަރު ހިސާބަކަށް މަދު ކަމުގައި ވީ ނަމަވެސް، މިކަމަކީ ޓެސްޓު ކުރުމުގެ ގާބިލިއްޔަތު ކަމާ ގުޅިފައިވާ ކަމެއް ކަމުގެ އިންޒާރު، ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ. އެގޮތުން ރަށްފުށުގެ ފަގީރު ހިސާބުތަކުގައި ފާހަގަ ނުކުރެވި ހަގީގީ ކޭސްތަކެއް އުޅެދާނެ ކަމުގެ ބިރުވެރި ފުރުސަތު އެބައޮތް ކަމަށް ބެލެވިދާނެއެވެ.

ކަންމިހެން އޮތްއިރު، 210 މިލިއަން މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުން މި ފަހަކަށް އައިސް ކޭސް ރިޕޯޓްކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެއީ ޕާކިސްތާނުގެ ސަރުކާރުން ޓެސްޓު ކެޕޭސިޓީ އިތުރު ކުރުމުގެ ސަބަބުން ކަމަށްވެސް ބުނެވެއެވެ. ޕާކިސްތާނުގެ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19ގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2000 އަށް އަރާފައެވެ.

ޕާކިސްތާނުގެ ކޮވިޑް-19ގެ ހާލަތާ ގުޅޭ ރިޕޯޓްއެއް ލީކުވެފައިވާކަމަށާ، އެ ރިޕޯޓްގައި ވާ ގޮތުން ލާހޯރްގައި އެކަނިވެސް 7 ލައްކައަށް ވުރެ ގިނަ ކޭސް އުޅެދާނެ ކަމަށް ލަފާކޮށްފައިވާކަމަށް އިންޑިއާގެ މީޑިއާއެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނުގެ ޑޮކްޓަރުން ދަނީ ހޮސްޕިޓަލުތަކުން އެނދުތައް ހުސްވެ، ވެންޓިލޭޓަރާ އެނޫންވެސް އާލާތްތައް ހުސްވަމުންދާ ކަމުގެ އިންޒާރު ދެމުންނެވެ. އެގޮތުން ސިއްހީ ހިދުމަތް ހޯދަން އަންނަ ބައެއް ފަރާތަކަށް އެއްވެސް އެހީތެރިކަމެއް ނުދީ ފޮނުވާލަންޖެހޭ ކަމަށާ، ހޮސްޕިޓަލުގެ ބޭރުގައި ކޮވިޑް-19 ގެ ޕޭޝަންޓުންނަށް ޖާގަ ނެތް ކަމަށް ބުނާ ބޯޑުވެސް ހަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ޖުލައި މަހުގެ ފަހުކޮޅަށް އަންނައިރު ޕާކިސްތާނުގެ ކޮވިޑް-19ގެ ކޭސްތައް އޭގެ އެންމެ އިންތިހާއަށް އިތުރުވެގެންދާނެ ކަމުގެ އިންޒާރު، އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ދެއްވާފައެވެ. ނަމަވެސް މުޅި ގައުމު ޝަޓްޑައުންއަކަށް ގެންގޮސް ލޮކްޑައުން ކުރުމަށް އިމްރާން އަދިވެސް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.