ކޮވިޑް-19 ފެތުރެމުން ދާތީ މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަަތަށް ގެނެވުނު އިރު މާލޭގައި ތިބި މީހުންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވެފައި ތިބި އައްޑޫ އަދި ފުވައްމުލަކު މީހުން މިއަދު ފުރުވާލަން ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މިއަދު ފުރުވާލަން ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީއަށް ދާ 50 މީހަކާއި ފުވައްމުލަކު ސިޓީއަށް ދާ 50 މީހުންނެވެ. އަދި އައްޑޫ ސިޓީއަށް ދާ 50 މީހުންގެ ޓެސްޓު އިއްޔެ ހަދާފައި ވާއިރު، ފުވައްމުލަކަށް ދާ މީހުންގެ ޓެސްޓުތައް މިއަދު ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، މާލެ ލޮކްޑައުންވީ ފަހުން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އެބައެއްގެ ރަށަށް ހޯމް ކަރަންޓީނަށް ދާން ބޭނުންވެފައި ތިބި މީހުންގެ ތެރެއިން 42 މީހަކު އިއްޔެ ފުރުވާލާފައިވާ ކަމަށެވެ. އެ އެންމެންނަކީވެސް އައްޑޫ ސިޓީގެ މީހުން ކަމަށާއި އެމީހުން އައްޑޫގެ 25 ގެއެއްގައި ކަރަންޓީނު ވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ބަދަލު ކުރި އިރު ރަށަށް ދިއުމަށް ރިސޯޓުތަކުން ގިނަ އަދަދެއްގެ މުވައްޒަފުން މާލެ އަށް އައިސް ތިއްބެވެ. ހަމައެއާއެކު ބޭސްފަރުވާ ކުރުމަށް ވެސް ގިނަ އަދަދެއްގެ މީހުން އައިސް ތިބި އިރު އެ ފަރާތްތަަކަށް ރަށަށް ނުދެވި އެތައް ތަކުލީފު ތަކެއް އުފުލަން ޖެހުމުން ވަނީ އެމީހުންގެ ޝަކުވާތައް ސަރުކާރާ ހިއްސާ ކޮށްފައެވެ.
އެގޮތުން ރަށަށް ދާން ބޭނުން ވެގެން 5000 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ ތެރޭގައި މާލޭގައި ކުއްޔަށް އުޅެން ޖެހުމުން މާލީ ހާލަތު ތަން ނުދޭ ފަރާތްތައްވެސް ހިމެނެއެވެ.