ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ފެންނަކަމަށް ނިންމާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ތަޅުމަށް ފޮނުވާފައި ވާކަމަށާއި، އެހެން ކަމުން އެ މަސައްކަތް އެ މަގުން ކުރިއަށް ގެންދިއުމަށް އެ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ.

ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން އާމިރާ ފިޔަވައި އެހެން މެންބަރުން ވަކި ކުރުމުގެ މަސައްކަތް ފަށަން ކުރިން ތަޅުމަށް ފޮނުވުމުން، އެ މަސައްކަތް ފެށުމުގެ ހުއްދަ ރިޔާސަތުން ވަނީ ދެއްވާފައެވެ. އެއީ ކޮމިޝަންގެ ރައީސް އަލީ ޝަމީމްއާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު ޒަކަރިއްޔާ މުހައްމަދު، އަދި އިބްރާހިމް ޝަހީގެވެ. އެއަށް ފަހު ސީއެސްސީން އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށަން ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. ކޮމިޓީން އެ ގޮތަށް ފާސް ކުރީ ކޮމިޓީގެ ހަ މެންބަރުންގެ ވޯޓުންނެވެ. ވަކި ކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވިއެވެ.

އާމިރާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދެއްވުމުން، އެ ކޮމިޝަނުގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަސައްކަތް މިހާރު ފެށުނީއެވެ.

އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމި އިރު، އޭނާއަކީ މި ސަރުކާރު އައިފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގައި ދެން ތިބި މެންބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އައްޔަން ކުރި މެންބަރުންނެވެ.