މި ދުވަސްވަރަކީ އާންމު ސިއްހަތުގެ ސަލާމަތްތެރިކަމާ ރައްކާތެރިކަމާ މެދު މާޒީއިން ސިކުންތެއްގައިވެސް އެތައް މިލިއަން ބަޔަކު ނުވިސްނާ ވަރަށް ވިސްނުން ހިންގަމުންދާ ދުވަސްވަރެކެވެ. ނުރައްކާތެރި ބަލިމަޑުކަމެއްގައި މުޅި ދުނިޔެ ރަޖާލައިގެން އޮތްއިރު އާންމު ސިއްހަތުގެ ނުރައްކަލާ ކަނޑުތަކާ ގުޅުމެއް އޮތް ކަމާ މެދު ވިސްނާލެއްވުނީ ކިތައް ބޭފުޅުންނަށްތޯއެވެ. ކަންމިހެން އޮތް ނަމަވެސް، މިއީ ގަބޫލުކުރަން ޖެހިފައިވާ ހަގީގަތަކެވެ. އަޅުގަނޑުމަންގެ ވަށައިގެން މިވާ މާސިންގާ ކަނޑުތަކަކީ ސީދާ ގޮތުން އަޅުގަނޑުމެންގެ ސިއްހަތާ ގުޅިފައިވާ ތަންތަނެވެ.
މިއަދު ދުނިޔެ ތަޖުރިބާކާރު ކުރަމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ދެނެގަތުމުގައިވެސް ކަނޑުގެ އެންމެ ފުން ހިސާބުތަކުން ނެގުނު ދިރުންތަކެއްގެ ދައުރު އޮތްކަން، އދއިންވެސް ވަނީ ފާހަގަކޮށްފައެވެ.
މި ހިސާބުން ނިމުނީއެއް ނޫނެނެވެ. ކަނޑުގެ ދިރުންތަކަކީ އިންސާނީ ހަޟާރާތަށް ކޮންމެވެސް ވަރެއްގެ ސަލާމަތަކާ ރައްކާތެރިކަމެއްވެސް ދެނެވި ދިރުންތަކެއްކަން ދަންނަންޖެހެއެވެ.
މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑުތަކުގެ ދުވަހެއް ފާހަގަކުރަންޖެހޭ އެއް ސަބަބެވެ. މިއަދަކީ އެދުވަހެވެ. އާދޭހެވެ! ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. ކަނޑުތަކަކީ އިންސާނާއަށް ކިހާ މުހިންމު ރައުސުލްމާލެއްކަން އޭގެ އެންމެ ފުޅާދާއިރާއެއްގައި އަންގައިދިނުމުގެ ދުވަހެވެ.
ހަގީގީ ފުންމިނާ ބޮޑުމިން ނޭނގޭ އެތައް ހިސާބެއް ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި އޮތެއް ކަމަކު، މިއީ މުޅި ދުނިޔޭގެ ހަގީގީ ފުއްޕާމެއެވެ. އަޅުގަނޑުމެން ދިރިހުމަށް ބޭނުންވާ އެންމެ ބޮޑު އެއް ނިއުމަތް ކަމަށްވާ އޮކްސިޖަން ފޯރުކޮށްދޭ އެންމެ ބޮޑު ބަހާއަކީވެސް ކަނޑެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑުތަކުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދުނިޔެ ފަތަހަކުރި އިންސާނީ ހަޟާރާތުގެ އަހުލުވެރިންގެ ސަބަބުން ކަނޑުތަކަށް ކުރަމުންދާ އަސަރު ބަޔާންކޮށްދިނުމެވެ. މި ކަނޑުތަކުގެ ދިފާއުގައި ނިކުންނާނެ އަބުތޯލުންތަކެއް ބިނާކުރުމެވެ.
ދުނިޔޭގެ ފުއްޕާމޭގެ އިތުރުން ދުނިޔޭގެ ދިރޭތަކެތީގެ ނަސްލީ ވެށި ނުވަތަ ބައޮސްފިއާގެ ދިރިހުރުމަށް ބޭނުންވާ ކާބޯތަކެއްޗާ، ސަލާމަތް ސިއްހަތެއްގައިވުމަށް ބޭނުންވާ ބޭސްފަރުވާގެ ނިއުމަތްތަކުގެ މުއްސަނދިކަން ލިބިފައިވާ ކަނޑުތަކަކީ އެ މަންޒަރު ބަލައިލި މީހެއްގެ ހިތަށްވެސް ތަސައްލީ ލިއްބައިދޭ ތަނަކަށްވީތީއެވެ.
ދެމެހެއްޓެނެވި ކަނޑުތަކަށް ބިނާކުރަނިވި އުފެއްދުންތެރިކަން
ދުނިޔެއިން ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އާ ގޮންޖެހުންތަކަކާ ކުރިމަތިކުރުވަނިވި ދުވަހެކެވެ. މިއާއެކުހާ ހައްލުތަކަކަށް ޖެހޭ ބޭނުންވެސް ދަނީ އިތުރުވަމުންނެވެ. ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރުވެސް ހާއްސަކޮށްފައިވަނީ މިކަމަށެވެ. ބިނާކުރަނިވި އާ އުފެއްދުންތެރިކަމަށް ހިތްވަރުދެނިވި ޝިއާރެކެވެ.
މި ޝިއާރައަކީ ކުރިއަށް އޮތް 10 ދުވަހަށް ހާއްސަކޮށްގެން އދއިން ފަށާ ކަނޑުތަކުގެ މަޝްރޫއު ނުވަތަ 'ޔޫއެން ޑިކޭޑް އޮފް ސައެންސް ފޮ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް'އަށް ހިތްވަރު ދެނިވި ޝިއާރެކެވެ. ދުނިޔެގެ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ "އިނޮވޭޝަން ފޮ އަ ސަސްޓެއިނަބަލް އޯޝަން" މި ޝިއާރެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ދުނިޔޭއގެ އެކި ކަންކޮޅުތަކުގައި ކުލަގަދަ އަދި އިންގިބާލީ މޭރުމަކުން ފާހަގަކުރަމުން އައި މުނާސަބާއަކަށްވީ ނަމަވެސް، މިފަހަރު މި ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ މި ގަރުނުގައިވެސް ދުނިޔެ ނުދެކޭ ފަދަ ހާލެއްގައި ވަނިކޮށެވެ. އެބަޔަކު އެ ބައެއްގެ ކިއްލާގައި ޖިސްމާނީ ގޮތުން ގައިދުރުވެ ތިބެގެން މެނުވީ ފުރާނަ ސަލާމަތް ނުކުރެވޭ ފަދަ ހާލަތެއްގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެހެން ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ހަރަކާތްތައް މިއަދު އޮތީ ވާޗުއަލް ޕްލެޓްފޯމެއްގައެވެ.
ކަނޑުގެ މުހިންމުކަމާ އަގުބޮޑު ކަމުގެ ވާހަކައަކީ އެއްވެސް މީހަކަށް އާ ވާހަކައަކަށް ނުވާނެއެވެ. ކަނޑުތަކަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިންމު އެއް މާއްދާ ކަމަށް ޕްރޮޓީންސްގެ އެންމެ ބޮޑު މަސްދަރެވެ. ދުނިޔޭގެ އާބާދީގެ 3 ބިލިއަނަށްވުރެ ގިނަ މީހުން، އެމީހުންގެ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސްގެ މާއްދާ ހޯދުމަށް ބަރޯސާވާ އަސާސީ މަސްދަރަކީވެސް ކަނޑެވެ.
އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށާ، އާންމު ދިރިއުޅުމުގެ އެކި ބޭނުންތަކަށް ކަނޑުތަކަށް ބަރޯސާވެފައިވާ މީހުންގެ އަދަދުވެސް 3 ބިލިއަނަށްވުރެ މައްޗަށް އަރައެވެ. މިއާއެކު ފާހަގަކުރަންޖެހޭ ކަމަކީ އިންސާނުން އުފައްދާ ޖައްވު ހޫނު ވިހަ ގޭހެއް ކަމަށްވާ ކާބަން ޑައިއޮކްސައިޑްގެ 30 ޕަސެންޓް ހިންދާލަނީ މި ކަނޑުތަކަށް ކަމެވެ. މިއާއެކު، އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިލާންޖެހޭ އެންމެ ނުރައްކާތެރި އެއް ކާރިސާ ކަމަށްވާ ދުނިޔޭގެ ހޫނުވުމުގެ މައްސަލަ ކުޑަކޮށްދިނުމަށް އޮތް އައްޑަނައަކީވެސް ދުނިޔޭގެ ކަނޑުތައް ކަމުގައި ވަނީ ވެފައެވެ.
އިގުތިސޯދީ، އިޖުތިމާއީ އަދި ސިއްހީ ނަޒަރަކުން ބެލި ކަމުގައި ވީ ނަމަވެސް މި ކަނޑުތަކާ އިންސާނާއާއި ދެމެދު އޮތް ގުޅުން ހަނދާން ނައްތާލެވޭކަށް ނެތެވެ.