އެމްޓީސީސީން ދެމުންދާ ފެރީ ހިދުމަތްތަކުގެ ތެރޭގައި، މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތައް އިތުރުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، ލޮކްޑައުންނަށް ލުއި ދިނުމުން ހިދުމަތްތަކަށް ބުރޫ އެރުން ކުޑަ ކުރުމުގެ ގޮތުން މާލެއިން ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތައް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއަށް ފަހު ލޮކްޑައުން ދިގު ދައްމާލައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ސަރުކާރުން ވަނީ ލޮކްޑައުންގައި ލުއިތަކެއް ދިނުމަށް ނިންމާފައެވެ.

އެމްޓީސީސީން މިދިޔަ ރޯދަ މަހުގައި ފެރީގެ ހިދުމަތް ދީފައިވާ އިރު އެ ފަރާތުން މާލެއާއި ވިލިމާލެއާ ދެމެދު ކޮށްފައިވަނީ ދުވާލަކު 12 ދަތުރެވެ. ނަމަވެސް މިހާރު އެ އަދަދު 20 އަށް އިތުރު ކުރަން ވަނީ ނިންމާފައެވެ. މި ހާލަތުގައި ދަތުރުތައް އިތުރު ކުރި ނަމަވެސް ވަރަށް ކައިރިން ކަންކަން ބަލާ މޮނިޓާ ކުރަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ލޮކްޑައުންަށް ލުއިދިނުމަށް ސަރުކާރުން ނިްމާފައިވާ އިރު ފެރީ ހިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކެއް ވަނީ ސަރުކާރުން އައުލާންކޮށްފައެވެ. އެ ގޮތުން ފެރީދަތުރުތައް ކުރާއިރު ދުރުދުރުގައި ދަތުރުވެރިންނަށް ތިބެވޭނެ ގޮތަށް ސީޓްތައް ފާހަގަކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފާއެވެ. މީގެ އިތުރުން މާސްކް އެޅުމަކީ މުހިއްމު ކަމެއް ކަމަށާއި ފެރީތަކުގައި ސެނިޓައިޒާ ބަހައްޓަން ވާނެ ކަމަށް ވެސް ވެއެވެ. އަދި ގަވާއިދުން ފެރީ ސާފު ކުރަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.