ޓެކްސީ އާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައްދަލު ކުރައްވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ އާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި މިނިސްޓަރު ނަހުލާ އޮންލައިންކޮށް ބައްދަލު ކުރައްވާފައި ވަނީ ރޭގައި ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ގްރޭޓަރ މާލޭ ސަރަހައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރު ތަކާއި ޕިކަޕް ސެންޓަރު ތަކުގެ އިސް ވެރިންނާ ކަމަށްވެސް ޓްރާންސްޕޯޓުން ބުނެއެވެ.
އެގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް ވެސް އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އެކަމާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާލޫވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައެވެ.
އެ ކޮމެޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައި ވަނީ ޓެކްސީ ޑްރައިވަރުންނަށް މިހާރުވެސް ދިމާވެފައިވާ ދަތިތަކާއި އަދި ފަހުންވެސް އެއްވެސް ކަމަކާ ގުޅިގެން ދައްޗެއް ދިމާވެއްޖެ ނަމަ އެކަމަށް ހައްލެއް ގެނެސް ދެއްވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮވިޑް19 ގެ މިހާލަތުގައި ވެސް ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދައްޗެއް އޮތް ކަމަށްވާ ނަމަ އެކަމަކީ މިނިސްޓްރީ އަށް އެހީތެރިވެވޭނެ ދާއިރާއެއް ނަމަ އެ މަސައްކަތް ވެސް ކުރިޔަށް ގެންދަވާނެ ކަމަށެވެ.