އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުމާ އަސްކަރީ ނުތަނަވަސްކަން، ޑިޕްލޮމެޓިކް އިމުގެ މަޝްވަރާތަކުގެ ތެރެއިން ހައްލު ކުރުމަށް ދެ ގައުމުންވެސް އެއްބަސްވުމަކަށް އައިސްފައިވާކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ހާމަކޮށްފިއެވެ.

ބޯޑަރު ހުރަސްކޮށް އިންޑިއާގެ ސަރަހައްދަށް މެއި މަހުގެ ތެރޭގައި ޗައިނާގެ އަސްކަރިއްޔާއިން 3 ފަހަރެއްގެ މަތިން ގަވައިދާ ހިލާފަށް ވަދެފައިވާކަމަށް އިންޑިއާއިން ވަކަލާތު ކުރާއިރު، މިކަމާ ބެހޭ ގޮތުން ދެ ގައުމުގެ އިސް ޖެނެރަލް މަޝްވަރާ ކުރައްވާފައިވާކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ސުލްހަވެރި މަޝްވަރާތަކެއްގެ ތެރެއިން މިކަން ހައްލު ކުރުމަށް ދެގައުމުންވެސް އިއްތިފާގުވެފައިވާކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ބުނެއެވެ.

ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު ގެންގް ޝުއާންގް ވިދާލުވީ ބޯޑަރު ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން އެއް ހަމައެއްގައި ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. އަދި ކަމާ ގުޅުންހުރި ހުރިހާ މައްސަލައެއް އެކަށީގެންވާ އެންމެ ރަނގަޅު ގޮތަށް ހައްލު ކުރުމަށް ދެ ފަރާތުންވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޗައިނާގެ ހާރިޖިއްޔާގެ ވެބްސައިޓްގައި ބުނެފައިވެއެވެ.