ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހުނު އެކި ސަބަބުތަކާ ގުޅިގެން އަމިއްލަ ގައުމަށް ދާން ބޭނުންވެފައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާގެ ސަރުކާރުން ފެށި މަޝްރޫއުގެ ތެރެއިން، ރާއްޖެއިން އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންގެ އެންމެ ފަހު ގުރޫޕު ފުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.

އެންމެ ފަހު ގުރޫޕުގައި، އިންޑިއާގެ 700 އަށްވުރެ ގިނަ ރައްޔިތުން އެނބުރި ގައުމަށް ދާނެ ކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ޚަބަރު ދެއެވެ.މި ގުރޫޕު އިންޑިއާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރު އައިއެންއެސް ޖަލާޝްވާއަށް ބޯޑު ކުރަން ފަށާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމަށް ހިންގާ އޮޕަރޭޝަންގެ 2 ވަނަ މަރުހަލާގެ ތެރެއިން/ފައިލް ފޮޓޯ: އިންޑިއާ ހައި ކޮމިޝަން | ޓްވިޓާ

އިންޑިއާއަށް އެނބުރި ދާން ބޭނުންވެފައި ތިބި އެ ގައުމުގެ ރައްޔިތުން ގޮވައިގެން އައިއެންއެސް ޖާލަޝްވާ، މާލޭސިޓީއިން ފުރާނީ މިއަދުގެ ވަގުތެއްގައެވެ. އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުންނަމަ ރާއްޖެއިން އިންޑިއާއަށް އިވަކުއޭޓްކުރާ އެގައުމުގެ ފަހު ބެޗް، އިންޑިއާގައި ބަނދަރުކުރަން ހަމަޖެހިފައިވަނީ ޓުޓިކޮރިންގައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ގުރޫޕުގައި ގިނައީ އިންޑިއާގެ ތަމަޅަ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. މި ގުރޫޕުވެސް ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު މުހުލަތު ފުރިހަމަކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މި ގުރޫޕުގައިވެސް ގެންދަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ގިންތިތަކަށް ފެތޭ މީހުންނެވެ. އޭގެ ތެރޭގައި މާބަނޑު މީހުންނާ، ސިއްހީ ގޮތުން އެމާޖެންސީ ހާލަތުގައި ތިބި މީހުންގެ އިތުރު އެކި ކަހަލަ މަސައްކަތު އައިސް އުޅުނު މީހުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އިވަކުއޭޓް ކުރުމުގެ މަސައްކަތަށް ދިވެހި ސަރުކާރާ އެކި އިދާރާތަކުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމުގެ އޮޕަރޭޝަންތައް ހިންގަމުންދާއިރު، މިއަދުގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓްއެއްގައި ބަންގަލަދޭޝްގެ 200 އެއްހާ ރައްޔިތުން ފުރުވާލާފައިވާކަމާށް ދިވެހި ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.