މިހާރުވެސް އިނދަޖެހެމުންދާ ސިއްހީ ހިދުމަތުގެ ނިޒާމު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނާއެކު ފުނޑުފުނޑުވެ، އިނދަޖެހިދާނެކަމުގެ އިންޒާރު، ހަލުވިކަމާއެކު މި ބަލީގެ ކޭސްތައް އިތުރުވަމުން އަންނަ އަވަށްޓެރި ޕާކިސްތާނުގެ ޑޮކްޓަރުން ދެއްވައިފިއެވެ.

ކޮވިޑް-19ގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު މިވަގުތު 2000 އަށްވުރެ ދަށުގައި އުޅުނެއް ކަމަކު، ކޭސް އިތުރުވަމުން އަންނަ މިންވަރާ، މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ގޮތަށް ބަލާއިރު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި މި ދަނޑިވަޅަކީ ކޮވިޑް-19އާ ގުޅިގެން ތަންފީޒު ކުރަމުންދިޔަ ލޮކްޑައުންގެ ފިޔަވަޅުތަކަށްވެސް ދޫ ދީފައިވާ ވަގުތެކެވެ.

ހަލުވިކަމާއެކު ކޮވިޑް-19ގެ ކޭސް ނަމްބަރު އިތުރުވަމުންދާ ޕާކިސްތާނުުގެ މޭވާ ބާޒާރެއްގައި އާންމުން މާސްކު އަޅައިގެން/ފޮޓޯ: އާސިފް ހަސަން

ކަންމިހެން އޮތްއިރު ޕާކިސްތާނުގެ ޑޮކްޓަރުން ވިދާޅުވީ، ބޮޑެތި ހޮސްޕިޓަލުތަކަށް ބަލާއިރު ގިނަ ހޮސްޕިޓަލުތަކެއްގެ އިންޓެންސިވް ކެއާ ޔުނިޓް (އައި.ސީ.ޔޫ)ތައް މިހާރު އޮޕަރޭޓްކުރަމުންދަނީ އެންމެ ފުލް-ޖެޕޭސިޓީގައި ކަމަށެވެ. އެގޮތުން ވެންޓިލޭޓަރަށް ލާންޖެހޭ ހާލުގައި ހުރި ޕޭޝަންޓަކަށް ދެތިން ހޮސްޕިޓަލަކުން ނޫނެކޭ ބުނަންޖެހުނު ކަމަށް ޚަބަރު ލިބެއެވެ. އެކި ހިސާބުތަކުގެ ހާލަކީ މިއީ ކަމަށްވެއެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް ހާއްސަ ކޮށްގެން ކަރާޗީގައި ފެސިލިޓީތަކެއް ތަރައްގީ ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް އެކިކަހަލަ ތުހުމަތުގެ ވާހަކަތަކާ، އިތުބާރު ގެއްލޭފަދަ ވާހަކަތަކުގެ ސަބަބުން ފުރިހަމަ ހިދުމަތަށް ބުރޫ އަރަމުންދާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ހޮސްޕިޓަލަށް ދިއުމުން ބަލި އިތުރަށް ގޯސްވާކަމުގެ ވާހަކަތަކެއް ފެންމަތިވެ، ގިނަ އަދަދެއްގެ ޕޭޝަންޓުން ގޭގައި މަޑުކޮށްގެން ތިބޭ ކަމަށް އިސް ޑޮކްޓަރަކު ވަނި ހާމަކުރައް ވާފައެވެ.

ޕާކިސްތާނުގެ ސިއްހީ ހިދުމަތްތެރިންނާ ފުލުހުން ކުރިމަތިލަނީ/ފޮޓޯ: އޭއެފްޕީ

ކަންމިހެން އޮތްއިރު ހުންއައުން ފަދަ އަލާމަތަކާއެކު ޑޮކްޓަރަށް ދައްކަން ދާ ކޮންމެ ޕޭޝަންޓްއަކީ ކޮވިޑް-19ގެ ކޭސްއެއްގެ ގޮތުގައި ބަލާ ކަމަށާ، މިއިން ކޮންމެ މީހެއްގެ އަތުން 500 ރުޕީޒް (3 ޑޮލަރު) ގެ ފީއެއް ނަގާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެއެވެ. މީގެ އިތުރުން، މި ބަލީގައި މަރުވި ޕޭޝަންޓްއެއްގެ ހަށިގަނޑު ވަގުތުން ވަގުތަށް އާއިލާއާއި ހަވާލު ނުކުރެވުނު ކަމަށް ބުނެ، ހޮސްޕިޓަލަކަށް ގެއްލުންދިން ޚަބަރެއްވެސް ވަނީ އާންމުވެފައެވެ.

ޕާކިސްތާނުގައި ޚިދުމަތްދެމުންދާ ޑޮކްޓަރުންގެ ހާލަތަށް ބަލާއިރު އެތައް ސަތޭކަ ޑޮކްޓަރުންނެއް މިހާރު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 30 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. ސިއްހީ ހިދުމަތްތެރިންގެ ހަށިރައްކަލަށް ބޭނުންކުރާ ޕީޕީއީ ނުލިބިދިޔަ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވީ ނަމަވެސް، ފޭސްޝީލްޑްއަކީ ޑިއުޓީ އުސޫލުން ބޭނުންކުރަންޖެހޭ އެއްޗަކަށް ވެފައިވާކަމުގެ ޝަކުވާވަނީ ލިބިފައެވެ.