ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ގާއިމް ކޮށްފައިވާ ފަރުކޮޅުފުށި އައިސޮލޭޝަންގައި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ބަލިން ރަނގަޅުވެ މިއަދު ދޫކޮށްލާނެ ކަމަށް އެތަނުގައި ތިބި ބަލިމީހުންނާ ހަވާލުވެ ހުންނެވި އައިޖީއެމްއެޗުގެ ޑޮކްޓަރު އަހުމަދު އަޝްރަފު ވިދާޅުވެއްޖެއެވެ.

ޑރ. އަޝްރަފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިއަދަކީ ފަރުކޮޅު އައިސޮލޭޝަންގައި އޭނާ މަޑު ކުރައްވާ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި އެތަނުގައި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި 6 މީހަކު އެބަތިބި ކަމަށާއި އޭގެތެރެއިން ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިއަދު ބަލިން ރަނގަޅުވި ދެ މީހުންވެސް ދޫކޮށްލާނެ ކަމަށް ޑރ. އަޝްރަފު ވިދާޅުވިއެވެ.

މީގެއިތުރުން ބާކީ ތިބި ހަތަރު މީހުންވެސް ބަލިން ރަނގަޅުވެ ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ދޫކޮށްލާނެ ކަމަށް ޑރ. އަޝްރަފުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކުވެސް މިހާރު އަންނަނީ ކޮންމެވެސް ވަރަކަށް ބަލިން ރަނގަޅުވާ މީހުން އިތުރުވަމުންނެވެ. އިއްޔެވެސް ހަތަރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އެގޮތުން މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މުޅި ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދު 648އަށް ވަނީ އަރާފައެވެ. އިއްޔެވެސް ރާއްޖެއިން 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއިއެކު މުޅި ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1872 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 7 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނެކެވެ.