އައްޑޫގެ ސިޓީގެ އަމިއްލަ ކްލިނިކެއް ކަމަށްވާ އައްޑޫ ސިޓީ ފޭދޫގެ އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޮވިޑް ޓެސްޓު ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތް މިނިސްޓްރީން އަނގަބަހުން އަންގައިފިއެވެ.
އެއިމްސް ހެލްތް ކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އަލީ އިހުސާން ވިދާޅުވީ، އެ ކްލިނިކުން އެދިފައިވާ ކޮވިޑް-19 ޓެސްޓު ކުރުމުހެ ހުއްދަ ދެވެން ނެތް ކަމަށް މިނިސްތްރީ އޮފް ހެލްތުން އަނގަބަހުން ޖަވާބު ދީފައިވާ ކަމަށެވެ. އަދި އެހެން ކަމުން އެ ހިދުމަތް ދިނުމަށް އެ ފަރާތުން ކުރަމުން އައި މަސައްކަތް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދާ ކަމަށް އެއިމްސް އިން ހާމަކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. އެގޮތުން މި ހަފްތާގައި އެ ކްލިނިކުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށާއި، މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް އެދިފައިވާ ކަމަށް އިހުސާން ވަނީ އޭރު ވިދާޅުވެފައެވެ. ނަމަވެސް އަދިވެސް މިކަމާ ގުޅޭ ހުއްދަތައް ލިބިފައި ނުވާތީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިކަމުގައި އެ ކްލިނިކްގެ ފަރާތުން އެދިފައި ވަނީ އާސަންދަ މެދުވެރިކޮށް ހޯދަން ޖެހޭ ހުއްދަ އަކަށް ކަމަށެވެ.
މަބްރޫކްގެ ވާހަކަތައް ދޮގު ކުރައްވާ އިހުސާން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި އެއިމްސް އިން އެދިފައި ވަނީ އާސަންދަ ކަވަރޭޖަށް ކަމަށް މަބްރޫކް ވިދާޅުވި ވިދާޅުވުމަކީ ކުށެއް ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގައި އެދުނީ އައްޑޫގައި އެ ޓެސްޓު ކުރުމުގެ ހިދުމަތް ދިނުމަށާއި އޭގެ ގައިޑްލައިން އަށް ކަމަށް އެ ކްލިނިކްގެ ފަރާތުން އެދިފައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހުއްދަ ދިނުމަށް ކަމަށް އިހުސާން މީގެ ކުރިން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ އެއިމްސް ހުޅުމީދޫ ކްލިނިކުގެ ފަރާތުން 5 ފެބްރުއަރީގައި އާސަންދް ހިދުމަތަށް އެދުނު ކަމަށާއި، 3 މާޗްގައި އިންސްޕެކްޝަން ނިމުނުފަހުން ހެލްތް މިނިސްޓްރީން އެއްވެސް ޖަވަބެއް ދީފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ ކްލިނިކްގެ ހިދުމަތް ވެސް ކުރިއަށް ގެންދެވޭ ގޮތް ނުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.