ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕާކިސްތާނުން ޕޮޒިޓިވްވި މީހުންގެ އަދަދު 85264 އަށް އަރާފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މިއާއެކު ޕާކިސްތާނުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިވަނީ، މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއަށްވުރެ އިތުރުވެފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ޗައިނާ އޮތީ 83022 ކޭހާއެކު 18ވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓްކުރި ގައުމުގެ ގޮތުގައެވެ. ޕާކިސްތާނު މިހާރު އޮތީ 17ވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓްކުރި ގައުމުގެ ގޮތުގައެވެ.

ޕާކިސްތާނުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދަނީ ސަރުކާރުން ޓެސްޓު ކުރާ މިންވަރު އިތުރު ކުރަމުން ދިއުމުން ކަމަށް ވުން އެކަށީގެންވެއެވެ.

ކޮވިޑް-19 ޖެހިގެން، ޕާކިސްތާނުން 1770 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ޕާކިސްތާނުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދިޔަ ކަމުގައި ވީ ނަމަވެސް، މިދިޔަ މެއި މަހުގެ ކުރީކޮޅުން ފަށައިގެން އެގައުމުން ވަނީ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައެވެ. އަދި ޑޮމެސްޓިކް ޓޫރިޒަމް ސިނާއަތް ހުޅުވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވަނީ މިހަފުތާގެ ކުރީކޮޅު އިއުލާން ކުރައްވާފައެވެ. ކަންމިހެން އޮތް ނަމަވެސް ހޮޓާތަކާ ރެސްޓޯރަންޓްތައް އަދިވެސް ވަނީ ބަންދުކޮށްފައެވެ.