ވޭތުވެދިޔަ 12 ގަޑިއިރުތެރޭ 21،653 ހުއްދަ ދޫކުރެވިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޮކްޑައުނަށް ދެވިފައިވާ ލުއިތަކުގެ ދަށުން ވޭތުވެދިޔަ 12 ގަޑިއިރުތެރޭ އެކި ފަރާތްތަކަށް 21،653 ހުއްދަ ދޫކުރެވިފައިވާ ކަމަށައި އެއީ 1976 ބިޒްނަސް އެންޓިޓީސް އަށް ކަމަށެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ އިކޮނޮމިކް އެކްޓިވިޓީތަކަށް އަލަށް 11826 މީހަކަށް ހުއްދަ ދޫކުރެވިފައިވާ ކަމަށެވެ.

ލޮކްޑައުނަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހެވެ.އެގޮތުން ކުރިން ބާޒާރުކުރަން ލިބެނު އެއްގަޑިއިރަށް ހާރު ކޮންމެ ގޭބިސީއަކަށް ވެސް 3 ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. ހުއްދައެއްގައި ހިމެނެނީ ހަފްތާއަކު ގޭބިސީއަކުން އެކަކަށް 2 ގަޑިއިރެވެ.

މިކަން އިތުރަށް ތަފްސީލް ކޮށްދެމުން ފުލުހުން ބުނީ ތިން ހުއްދަ ދެވެނީ ތިން މީހުންނަށް ކަމަށާއި އެކަކަށް 2 ދުވަސް ނުލިބޭނެ ކަމަށާއި އެކަކަށް ލިބޭނީ ހަފްތާއަކު އެއްދުވަހުގެ 2 ގަޑިއިރު ކަމަށެވެ. އެގޮތުން އެއް ގެއެއްގައި ދިރިއުޅޭ 3 މީހަކަށް އެ ހުއްދަ ލިބޭ އިރު އެއްގައަކުން 3 މީހުންނަށް 3 ދުވަސް ޖުމްލަ 6 ގަޑިއިރު ލިބޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކަށް އެއް ދުވަސް 2 ގަޑިއިރުގެ ނިސްބަތުންނެވެ.