ފިޔަވަތީގައި ތިބި 12 އަހަރުން ދަށުގެ ކުދިން މެދުކެނޑުމެއްނެތި ބަލަމުން ދާތާ މިއަދަށް 50 ދުވަސް ވެފައި ވުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ފިޔަވަތީގެ މުވައްޒަފުންނަަށް ޝުކުރު ކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީއާއި ފިޔަވަތީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މެދުކެނޑުމެއްނެތި 12 އަހަރުން ދަށުގެ 120 ކުދިން ބަލަމުންދާތާ 50 ދުވަސް ވެފައިވާ ކަމަށާއި އެ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެތަނުގެ މުވައްޒަފުން ކުރަމުން ދާ ބުރަ މަސައްކަތަާއި އެ ކުދިންނަށްޓަކައި ވަމުންދާ ގުރުބާނީ މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޖެންޑާ މިނިސްޓަރު، ފިޔަވަތީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވައިފައި ވާއިރު، ޖެންޑާ މިނިސްޓްރީން ވަނީ މިފަދަ ދަނޑިވަޅެއްގައިވެސް ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ އެ ކުދިންނަށް ދޭ އަޅާލުމާއި ލޯބި ދިނުމުގައި ދެމިތިބޭތީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެ ފަދަ ބުރަ މަސައްކަތެއް ކުރަމުންދާތީ އެކަން ބަލައިގަނެ އެ މިނިސްޓަރީންވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ.

ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި ހުޅުމާލޭގައި ހިންގަމުންދިޔަ “ފިޔަވަތި” ވަކި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހެވެ.

ފިޔަވަތީގައި ބައިތިއްބާފައި ވަނީ އުމުރުން 13 އަހަރު ނުފުރޭ ކުދިނެވެ. އެއީ ސަރުކާރުގެ ބެލުމުގެ ދަށުގައި ނުވަތަ މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިންނެވެ.