އޮބީސް ނުވަތަ އާދަޔާ ހިލާފަށް ފަލަވުމުގެ ތަކުލީފުތަކުގައި އުޅޭ ކުޑަކުދިންނާ ފުރާވަރު އުމުރަށް އަޅައިގެން އަންނަ ކުދިންނަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމުން، ބަލިބޮޑުވެގެން ދިއުމުގެ ނުރައްކާ އިތުރުވާކަމަށް ދާދިފަހުން ކުރި ދިރާސާއަކުން ދައްކައިފއެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ފެންނަމުންދާ އެމެރިކާގެ އެއް ސަރަހައްދު ކަމަށްވާ ނިއުޔޯކްގައިމި ބަލި ޖެހިގެން އެޑްމިޓްކުރަންޖެހުނު ކުދިންގެ ތެރެއިން 22 ޕަސެންޓް ކުދިންނަކީ އޮބީސް ކުދިންކަމަށް ދިރާސާގައި ބަޔާންކޮށްފައިވެއެވެ.

އާދަޔާ ހިލާފަށް ފަލަ (އޮބީސް) ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޝިކާގޯ ޓްރިބިއުން

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް -2 (ސާސްކޯވް-2)އިން ޖައްސާ ކޮރޯނާވައިރަހުގެ ޝިކާރައަކަށްވާ އޮބީސް ކުއްޖަކީ، ބަލީގެ ސީރިއަސްކަން ބޮޑުވުމުގެ ނުރައްކާ އިތުރުވާ ކުދިން ކަމަށް، ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތައް އާންމު ކުރަމުން އަންނަނ "ދަ ލޭންސެޓް" ޖާނަލްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮލަމްބިއާ ޔުނިވާސިޓީ އާވިންގް މެޑިކަލް ސެންޓަރާ ނިއުޔޯކްގައި ހުންނަ ނިއުޔޯކް-ޕްރެސްބެޓޭރިއަން ހޮސްޕިޓަލުގެ ރީސާޗަރުންތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާ ބުނާ ގޮތުގައި، އޮބީސިޓީއަކީ ކޮވިޑް-19ގެ ރިސްކް ބޮޑު ގިންތީގައި ހިމަނަންޖެހޭ ގިންތިއެއް ކަމަށް ވާހަކަދެކެވޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

އާދަޔާ ހިލާފަށް ފަލަ (އޮބީސް) ކުއްޖެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދަ ނޭޝަނަލް

ނިއުޔޯކްއިން އެއްކުރި މައުލޫމާތަށް ބަލާއިރު އުމުރުން 2 އަހަރުން މަތީގެ ކޮވިޑް-19 ޕޭޝަންޓުންގެ ތެރެއިން މެކޭނިކަލް ވެންޓިލޭޝަންއަށް ދާންޖެހުނު ޕޭޝަންޓުންގެ ތެރޭގައި ބޮޑު ހިއްސާއެއް އޮތީ އޮބީސް ޕޭޝަންޓުންގެއެވެ. މެކޭނިކަލް ވެންޓިލޭޝަން ބޭނުންވި ޕޭޝަންޓުންގެ 67 ޕަސެންޓް ކުދިންނަކީ އޮބީސް ކުދިންނެވެ. ދިރާސާގެ އަލީގައި މިފަދަ ކަމެއް ހާމަކޮށްފައި މިވަނީ، ކޮވިޑް-19އަކީ ޅަ އުމުރުގެ ކުދިންނަށް ނުރައްކާ ބޮޑު ބައްޔެއް ނޫންކަމަށް އަދިވެސް ބައެއް ފަރާތްތަކުން ގަބޫލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މާޗް މަހުގެ 1 ވަނަ ދުވަހާ އޭޕްރިލް 15 ދުވަހާ ދެމެދު އެންމެ މަދުވެގެން 24 ގަޑިއިރަށް ނުވަތަ އެއަށްވުރެވެސް ގިނަ ވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ޕޭޝަންޓުންގެ ތެރެއިން، އުމުރުން 21 އަހަރުން ދަށުގެ 50 ކުއްޖެއްގެ ހަށިގަނޑުން މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވެއެވެ.

ހޮސްޕިޓަަލަކަށް އަލަށް އުފަންވި ކުދިންގެ ތެރެއިން އާދަޔާ ހިލާފަށް ބިޔަ ތުއްތު ކުއްޖެއް/ފޮޓޯ: އެންވައިޕީ

އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ޖެނެރޭޓްކުރި ސިއްހީ ރިޕޯޓްތަކަށް ބަލާއިރު މު ކުދިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (52 ޕަސެންޓް) ކުދިންނ ދިރިއުޅެމުން ގޮސްފައިވަނީ ކޮވިޑް-19 ޖެހިފައިވާ އާއިލީ މެމްބަރެއް ނުވަތަ ބަލީގެ އަލާމާތްތައް ހުރި މީހަކާ އެކުގައެވެ. މިއިން އެއްވެސް ޕޭޝަންޓްއަކީ ބަލި ދެނެގަނެވުނު މުއްދަތާ ގުޅޭ މުހުލަތެއްގައި ގައުމުން ބޭރަށް ދަތުރެއްވެސް ކޮށްފައިވާ ބައެއް ނޫނެވެ.

އާދަޔާ ހިލާފަށް ފަލަ ކުދިންނަށް ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ސާބިތުކޮށްދީފައިވާއިރު، މި ވަގުތަކީ ކުޑަކުދިންގެ ރައްކަލަކަށް ދެމުން އަންނަ ވެކްސިން ދިނުމުގެ މަޝްރޫއުތައްވެސް މި ބަލިމަޑުކަމުގެ ސަބަބުން މަޑުޖެހިފައިވާ ދަނޑިވަޅެކެވެ. މިއާއެކު އަދުގެ ޖީލުގެ ކުޑަކުދިންގެ ފުރާނަވަނީ ނުރައްކަލެއްގެ ތެރޭގައިކަން ހަނދާނުން ކައްސާލިޔަ ދެވޭކަށްވެސް ނެތެވެ.