އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމާ ގުޅޭ ގޮތުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދެއްކެވި ވާހަކަ އެއިމްސް ހެލްތް ކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އަލީ އިހުސާން ދޮގުކުރައްވައިފިއެވެ.
ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދާ ކަމަށް އެ ސިޓީގެ އަމިއްލަ ކްލިނިކެއް ކަމަށްވާ އައްޑޫ ސިޓީ ފޭދޫގެ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން ހާމަކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. އެގޮތުން އިހުސާން ވިދާޅުވީ މި ހަފްތާގައި އެ ކްލިނިކުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ، މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް މިކަމާ ގުޅޭ ހުއްދަތައް ލިބިފައި ނުވާތީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، މިކަމުގައި އެ ކްލިނިކްގެ ފަރާތުން އެދިފައި ވަނީ އާސަންދަ މެދުވެރިކޮށް ހޯދަން ޖެހޭ ހުއްދަ އަކަށް ކަމަށެވެ.
މިކަމާ ގުޅިގެން އިހުސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި އެއިމްސް އިން އެދިފައި ވަނީ އާސަންދަ ކަވަރޭޖަށް ކަމަށް މަބްރޫކް ވިދާޅުވި ވިދާޅުވުމަކީ ކުށެއް ކަމަށެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގައި އެދުނީ އައްޑޫގައި އެ ޓެސްޓު ކުރުމުގެ ހިދުމަތް ދިނުމަށާއި އޭގެ ގައިޑްލައިން އަށް ކަމަށް އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކްލިނިކްގެ ފަރާތުން އެދިފައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހުއްދަ ދިނުމަށް ކަމަށެވެ.
އައްޑޫގެ އަމިއްލަ ކްލިނިކަކުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާއިރު، މާލޭގައި ނޫން އެހެން ތަނެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު އަދި ހަމަޖެހިފައެއް ނުވެއެވެ. މާލެ ނޫން ސަރަހައްދު ތަކުން ނަގާ ސާމްޕަލްތައް ވެސް ޓެސްޓު ކުރުމަށް ގެންނަނީ މާލެއެވެ.