ކޮރޯނާ ވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރިގެން ގޮސްފައި ވާއިރު، މި ބަލިމަޑުކަމާ ވިދިގެން ނަފްސާނީ ބަލިމަޑުކަމެއް ވެސް ފެތުރިގެން ދާނެ ކަމަށް ކަމާ ބެހޭ މާހިރުން ވަނީ ލަފާ ކޮށްފައެވެ. ކޮވިޑް-19އާ އެކު ފެތުރިގަތީ ހާސްކަމާއި ކަންބޮޑުވުމާއި، ފިކުރު ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ ޕެންޑަމިކް އެންޒައިޓީއެވެ.

ނަފްސާނީ ބަލީގެ މާހިރުން ބުނާ ގޮތުގައި މި ބަލިމަޑުކަމުގެ ސަބަބުން އާންމުންގެ ތެރޭގައި ހާސްވުމާއި ކަންބޮޑުވުން ނުވަތަ އެންޒައިޓީގެ ކަންކަން އިންތިހާއަށް ބޮޑުވެގެން ދާނެއެވެ. އެގޮތުން ސައިކޯ-ސޯޝަލް ސަޕޯޓް ހޮޓްލައިން ތަކަށް މީހުން ގުޅާ އަދަދު އިންތިހާއަށް އިތުރުވެފައި ވާއިރު، މި ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ގޮތުން މީހުންނަށް ކުރާ އަސަރުވެސް ވަނީ ބޮޑުވެފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި ހިތް އަވަސްވުމާއި، ދާހިއްލުމާއި، ގޭސްޓްރައިޓިސްގެ މައްސަލަތައް ދިމާވުމާއި ގައިގައި ރިއްސުމުގެ އިތުރުން ކަރަށް ބާރު ކުރުމުގެ ސިފައިގައި ގިނަ ޒުވާނުންނަށް އެންޒައިޓީގެ ކަންކަން ދިމާވެފައި ވެއެވެ. ނަމަވެސް ގިނަ މީހުންނަށް އެންޒައިޓީގެ ސަބަބުން ނޭނގި ނިދުމާއި، ހަނދާން ނެތުން އަދި ކަންކަމަށް ދޭ ސަމާލުކަން ކުޑަވުމުގެ އިތުރުން ރުޅި ކޮންޓްރޯލް ކުރުމުގައި މައްސަލަތައް ދިމާވާ ކަމަށް ނަފްސާނީ ބަލީގެ މާހިރުން ބުނެއެވެ.

ޕެންޑަމިކް އެންޒައިޓީގައި އާންމުކޮށް ދިމާވާ ކަންތައްތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަން:

ނިދުމުގައި ދިމާވާ މައްސަލަތައް

ނިދަން އުނދަގޫ ވެފައި ހުރި މީހެއް

ސެންޑިއާގޯގެ ސެންޓާ ފޯ ސްޓްރެސް އެންޑް އެންޒައިޓީ މެނޭޖްމަންޓުގެ ޑިރެކްޓާ އަދި ކްލިނިކަލް ސައިކޮލޮޖިސްޓް ޖިލް ސްޓޮޑާޑް ވިދާޅުވީ، އެންޒައިޓީގެ ސަބަބުން ނިދަން އުނދަގޫވުމާއި، ހިޔާލުތަކާއި ފިކުރުތައް ބޮޑުވެ ދަންވަރު ހޭލެވުމާއި އަނބުރާ ނިދަން ދިއުމުގައި ގިނަ ފަރާތްތަކަށް މައްސަލަ ދިމާވާ ކަމަށެވެ. އަދި މިފަދައިން ހަމަ ނިދި ނުލިބޭނަމަ ނަފްސާނީ ގޮތުން މީހާއަށް ކުރާ އަސަރު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ސިއްހީ މާހިރުންނާއި ދިރާސާތަކުން ބުނާ ގޮތުގައި ނިދުމުގައި ދިމަވާ އުނދަގޫތަކުން ދުރުވުމަށް ކެފެއިން ބޭނުން ކުރާ މިންވަރު ދަށް ކުރުމާއި، ކަސްރަތުކުރުމާއި، ކޮންމެ ދުވަހަކުވެސް އިރުގެ އައްޔަށް ހުށަހެޅުމާއި ނިދާއިރު ކޮޓަރި އަނދިރިކޮށް، ފިނިކޮށް ބެހެއްޓުމަކީ ކުރެވިދާނެ ކަންކަމެވެ. އަދި ހަބަރުތައް ބަލާ މިންވަރު މަދު ކޮށް ނިދުމުގެ އެންމެ މަދުވެގެން އެއް ގަޑިއިރު ކުރިން ސްކްރީންތަކާ ދުރުވެ، ތިމާ ހިތް ހަމަޖެހޭ ކޮންމެވެސް ކަމެއް ކޮށްލާ، ކާބޯހައިޑްރޭޓް އެކުލެވޭ ކާއެއްޗެއް ކާލުމަކީ ނިދަން ފަސޭހަވާނެ ކަމެކެވެ.

ސަމާލުކަން ދިނުމުގައި ދިމާވާ ދަތިތައް

މަސައްކަތަސް ސަމާލުކަން ނުދީ މީހަކު ފޯނާ ކުޅެނީ

ސިކުނޑީގެ ހުރިހާ ސަމާލުކަމެއް ކޮވިޑް-19 އަށް ހުސްވެފައި ވުމާއެކު، އެހެން ކަންކަމަށް ސަމާލުކަން ދިނުމުގައި އުނދަގޫ ވެއެވެ. ކަންކަމަށް ސަމާލުކަން ދިނުމުގައި އުނދަގޫ ވަނީ ކޮވިޑްގެ ސަބަބުން ކަން ތިމާއަށް އިހުސާސް ނުވިއަސް މިކަން މިހެން ވެދާނެއެވެ.

ކަންކަމަށް ސަމާލުކަން ދިނުމުގައި އުނދަގޫތަކެއް ވާނަމަ، ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލުމަށް ފަހު، އެދުވަހަކު ކުރަން ޖެހޭ ކަންކަމުގެ ލިސްޓެއް އެކަމެއްގެ މުހިންމު ކަމުގެ މައްޗަށް ބިނާކޮށް، ކޮންމެ 45 މިނިޓަކުން ހުސްވަގުތުކޮޅެއް ހިމެނޭ ގޮތަށް ތައްޔާރު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ސޯޝަލް މީޑިއާއާއި، ހަބަރު ފަތުރާ ވަސީލަތްތައް ބެލުން، ދުވަހުގެ ދެތިން ވަގުތަކަށް ބަހާލައިގެން އެއް ގަޑިއިރަށް ޝެޑިއުލް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެގޮތުން ހަބަރުތައް ބަލާލަން ބޭނުންވާ ކޮންމެ ފަހަރަކު ތިމާގެ ސަމާލުކަން އެހެން ކަމަކަށް ދިނުމަށް މަސައްކަތް ކުރެވިދާނެއެވެ.

ހަނދާންނެތުން

ހަނދާން ނެތުން ރަމްޒު ކޮށްދޭ ފޮޓޯއެއް

ތިމާއަކީ ފިކުރު ބޮޑުވެ ނުވަތަ ސްޓްރެސްފުލް ދިރިއުޅުމެއްގައި އުޅޭ މީހެއް ކަމަށް ވާނަމަ ހަނދާން ބަލިވެ، މުހިންމު ކަންކަން ހަނދާނުން ކައްސައިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ. އެގޮތުން ޕެންޑަމިކް އެންޒައިޓީގެ ސަބަބުން ވެސް މިފަދަ ކަންކަން ދިމާވެއެވެ.

މިކަމުން އަރައިގަތުމަށް ކަސްރަތު ކުރުމާއި، ސާފު ވައި ޖެހޭ ގުދުރަތީ ތަންތަނުގައި ވަގުތު ހޭދަކުރުމާއި ހިތަށް ހަމަޖެހުން ގެނެސްދޭ ކަންކަމަށް ވަގުތު ހުސް ކުރުމަކީ މުހިންމު ކަމެކެވެ. އޭގެ ތެރޭގައި ތަފާތު އެކި ކަހަލަ ޕަޒްލް ހެދުމާއި، ޕިއާނޯ ކުޅުމާއި، ވީޑިއޯ ގޭމް ކުޅުން އަދި އަމިއްލައަށް އެއްޗެއް ތައްޔާރު ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

އަވަސް އަވަހަކަށް ރުޅި ގަދަވުން

ރުޅި އައިފައި ހުރި މަންޒަރު ރަމްޒު ކޮށްދޭ ފޮޓޯ އެއް / ފޮޓޯ: މެލޮޑީ ވިލްޑިން

ކޮވިޑް-19ގެ ސަބަބުން ގޭގައި ލޮކްޑައުންވެ، ބޭރަށް ނުދެވި ތިބެން ޖެހުމުގެ ސަބަބުން އަވަސް އަވަހަށް ކުދި ކުދި ކަންކަމަށް ރުޅި އައުމަކީ ގިނަ ފަރާތްތަކަށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ތިމާގެ އާއިލާގެ ބޭނުން އެންމެ ޖެހޭ ވަގުތު، އާއިލާއާ މައްސަލަ ޖެހިފައި އޮތުމަކީ ވެސް ވެދާނެ ކަމެކެވެ.

އަވަސް އަވަހަށް ރުޅި ގަދަވުން ކޮންޓްރޯލް ކުރުމަށް މީހާ ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، މަޑުމަޑުން ފުން ނޭވާ ލެވިދާނެއެވެ. މިގޮތަށް ފުން ނޭވާ ލާއިރު، ނޭވާ އެތެރެއަށް ލުމަށް ހޭދަވާ ވަގުތުގެ ދެގުނަ ވަގުތު ނޭވާ ބޭރު ކުރުމަށް ހޭދަ ކުރަން ވާނެއެވެ. ހަމަޖެހުމަށްޓަކައި، ރީތި، ހިތްހަމަޖައްސުވައިދޭ މަންޒަރެއް ސިފަ ކުރުމާއި ކަސްރަތު ކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެކެވެ.

ޑިޕްރެޝަން ރަމްޒު ކޮށްދޭ ފޮޓޯއެއް

ސިއްހީ މާހިރުން ބުނާ ގޮތުގައި ޕެންޑަމިކް އެންޒައިޓީން އަރައިގަތުމަށް ތިމާގެ ހިޔާލުތަކާއި އިހުސާސްތައް އެހެން މީހުންނާއި ހިއްސާކޮށް، އެހެން މީހުންގެ ވާހަކަތައް އަޑުއެހުމަކީ ތިމާގެ ހާސްކަމާއި ފިކުރުތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. މީގެ އިތުރުން ވެސް އެންޒައިޓީގެ ސަބަބުން، ޕެނިކް އެޓޭކް އައުމާއި މަސްތުވާތަކެތި ބޭނުން ކުރުން އިތުރުމުވާއި، ޑިޕްރެޝަން އަދި ކުރިން ކުރިމަތިވެފައި ވާ ނަފްސާނީ ބަލިތަކުގެ އަސަރު ދިރިއުޅުމަށް ކުރާ މިންވަރު އިތުރު ވެދާނެއެވެ.

މިފަދަ ކަންކަމާ ކުރިމަތިލާ ފަރާތްތަކުން އަމިއްލަ ނަފްސަށް ގެއްލުން ދިނުން ފަދަ ފިކުރެއް ހިތުތެރޭގައި އުޅޭ ނަމަ ލަސް ނުކޮށް ނަފްސާނީ ބަލީގެ މާހިރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. އަދި އެނޫނަސް ނަފްސާނީ ގޮތުން ތިމާއަށް ކުރާ އަސަރުތަކުގެ ސަބަބުން އެހީއަށް އެދުމަކީ ވެސް މުހިންމު ކަމެކެވެ.