ކޮވިޑް-19 އާ ގުޅިގެން ކްރިޓިކަލް ހާލަތަށް 600 އެއްހާ ޑޮކްޓަރުންނާއި ނަރުހުން ޓްރެއިން ކޮށްފައިވާ ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސަ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ހިދުމަތް ދިނުމުގައި ކްރިޓިކަލް ތިން ކަމެއް ފާހަގަކުރެވިފައި ވާ ކަަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހިއުމަން ރިސޯސްއާއި، އޮކްސިޖްން ކެޕޭސިޓީއާއި ކްރިޓިކަލް އިކުއިޕްމަންޓްސް ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

މި ވަގުތު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮވިޑަށް ފަރުވާ ދެމުންދާ ދަނޑިވަޅެއްގައި އެހެން ގައުމުތަކުން ޑޮކްޓަރުންނާއި ނަރުހުން ގެނައުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޑޮކްތަރު މޫސާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބި އެކި ކަންކަމަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުން ކްރިޓިކަލް ކެއާއަށް ތަމްރީން ކޮށްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް ޖުމްލަ 600 އެއްހާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި ޑަބްލިއުއެޗްއޯ އާއި އެކި މުއައްސަސާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ވެދީފައިވާ ކަަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ އިސް ޓިމަކާއި، ޓުއަރިޒަމް މިނިސްޓްރިއަދި ހެލްތް މިނިސްޓްރޫީގެ އިސް ބޭފުޅުން މި ކަމުގައި ފޯރުކޮށްދެއްވި އެހީތެރިކަމަށް ޑޮކްޓަރުން ވަނީ ޝުކުރު ދަންނަވާފައެވެ.

މިދިޔަ އޭޕްރިލް މަހުގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ރާއްޖޭގައި އޭރު ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ޖުމްލަ އަދަދަކީ 905 ޑޮކްޓަރުންނާއި 2970 ނަރުހުން ކަމަށެވެ. އަދި އޭރު ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ނިސްބަތަށް ބަލާއިރު އާބާދީގެ ކޮންމެ 1000 މީހަކަށް 2 ޑޮކްޓަރުން އަދި ކޮންމެ 1000 މީހަކަށް 7 ނަރުހުން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވެފައި ވެއެވެ. މަބްރޫކް އެހެން ވިދާލުވިފަހުން ރާއްޖޭގައި އޭރު ތިބި ނަރުހުންގެ ތެރެއިން ބައެއް ނަރުހުން ވަނީ އެނބުރި ގައުމަށް ގޮސްފައެވެ.

ނަމަވެސް ފަހުން ރާއްޖެިނއް ބޭރުގައި ކިޔަވަން ތިބި މެޑިކަލް ދަރިވަރުން ރާއްޖެއަށް ގެނެސް އެ ކުދިން ކަރަންޓީން މުއްދަތް ހަމަކުރުމަށްފަހު ވަނީ އެޗްޕީއޭއާއެކު މަސައްކަތް ކުރަން ފަށާފައެވެ. އެ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނެރެނީ ބޭނުންވާ ތަމްރީން ދިނުމަށްފަހުގައެވެ.