ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ، ޔަމަނުގައި ދިމާވެފައިވާ ހިއުމެނިޓޭރިއަން ކްރައިސިސް އިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ، ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައި ހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ. އެހެންކަމުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

އަސާސީ ހިދުމަތްތަކާ ކާބޯތަކެތިން މަހުރޫމުވެ، ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަން މީހުން މިވަގުތު ޔަމަނުގައި ތިބި އިރު، މިނިސްޓަރު ޝާހިދުގެ ވިދާޅުވީ، ޔަމަނުގައި ސުލްހަ ގާއިމްކުރުމާ މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމަށެވެ. ހަމައެއާއެކު ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޔަމަނުގައި ބައިނަލްއަގްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ހާލަތެއްގައި އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭ ކަމަށާއި ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަގްވާމީ މުޖްތަމައު ގުޅިގެން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތްޕުޅުން އދގެ ހިއުމެނިޓޭރިއަން އެފެއާޒާ ބެހޭ އަންޑަ ސެކްރެޓަރީ ޖެނެރަލް އަދި އެމަޖަންސީ ރިލީފް ކޯޑިނޭޓަރު މާކް ލޯކޮކް އެވެ.

ޔަމަނުގެ ހާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދގެ މެންބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފައެވެ.