ދުނިޔޭގެ އެކި ކަންކޮޅުތަކުން 6 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އެ ބަލީގައި 3 ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ޗައިނާއިން ޖިނާއީ އިހުމާލުތަކެއް ވެފައިވާކަމަށް ބުނާ ރިޕޯޓްއެއް އާންމުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި އިސް ދައުރެއް އަދާކުރާ ދި އެސޯސިއޭޓަޑް ޕްރެސްއިންވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެތެރޭގެ ރެކޯޑިންގްތަކެއް ލިބިފައިވާކަމަށާ، އެއީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން އެންމެ ފުރަތަމަ އިޖާބަ ދިން މަރުހަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލުންގެ ވާހަކަތަކެއް ހިމެނޭ ރެކޯޑިންގްތަކެއް ކަމަށް ޚަބަރު ލިބެއެވެ. މި ރެކޯޑޮންގްތަކަކީ މި ބަލިމަޑުކަން އެންމެ ފުރަތަމަ ޗައިނާގައި ފެށިގެން އައި ދުވަސްވަރުގެ ވާހަކަތަކެއް އެކުލެވޭ ރެކޯޑިންގްތަކެއް ކަމަށްވެސް ޚަބަރު ލިބެއެވެ.

އެގޮތުން މަސައްކަތް ކުރަމުންދަނީ ނިސްބަތުން އިންތިހާއަށް މަދު މައުލުމާތުކޮޅެއްގެ އަލީގައިކަމަށާ، އެއީ ރަނގަޅު ރޭވުންތަކެއް ރޭވުމަށް އެންމެ އެކަށީގެންވާ މިންވަރަށްވުރެވެސް މަދު މައުލުމާތު ކަމަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޑަބްލިއުއެޗްއޯގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެޕިޑޮމޮލިޖިސްޓް މާރިއާ ވެން ކެރްޚޯވް ވިދާޅުވާކަމަށް ބުނެވެއެވެ. މި ވާހަކައަކީ ޖަނަވަރީ މަހު ދެކެވެނު ވާހަކައެއް ކަމަށް ބުނެވޭއިރު، މިއީ ކޮވިޑް-19އާ ގުޅިގެން ޑަބްލިއުއެޗްއޯއިން އެންމެ މުހިންމު ރޭވުންތައް ރާވަމުންދިޔަ ދުވަސްވަރުކަން ފާހަގަކުރަންޖެހެއެވެ.

މީގެ އިތުރުން، ޗައިނާގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ގޯޑެން ގެލިއާގެ ވާހަކަތަކެއްވެސް ވަނީ އާންމުވެފައެވެ. އެގޮތުން، ޑަބްލިއުއެޗްއޯއަށްވެސް މައުލޫމާތު ލިބެނީ ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރުން މައުލޫމާތު އާންމުކުރުމުގެ އެންމެ 15 ވަރަކަށް މިނެޓް ކުރިން ކަމަށް ޑރ ގެލިއާ ވިދާޅުވިކަމަށް ޚަބަރު ލިބެއެވެ.

ޑަބްލިއުއެޗްއޯގެ އެތެރޭގައި ދެކެވުނު މި ވާހަކަތަކަކީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ހިއްސާކުރަމުން ނުދާކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ ވަރުގަދަ ތުހުމަތުތަކަށް ބާރުދޭ ވާހަކަތަކެއްވެސްމެއެވެ.

އޭޕީގެ ރިޕޯޓް ބުނާ ގޮތުން ނަމަ ކުއްލި ނުރައްކަލާ ބެހޭ ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ މައިކް ރަޔާން 'ސީންއަށް' ވަޑައިގަންނަވަނީ ޖަނަވަރީ މަހުގެ 2 ވަނަ ހަފުތާގައެވެ. އެއަށްފަހު ޑަބްލިއުއެޗްއޯގެ ގިއަރު ބަދަލުކޮށް، ޗައިނާއަށް ފިއްތުންތަކެއް ކުރިމަތިކުރަންޖެހޭ ކަމަށް ޑރ ރާޔަން ވިދާޅުވާ ކަމަށް އޭޕީއިން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން 2002 ވަނަ އަހަރުގެ ސާސް ރޯގާގެ ބަލިމަޑުކަމުގައިވެސް ވީ ފަދަ ގޮތްތަކެއް ވަމުންދާކަމަށާ، ޗައިނާއިން މައުލޫމާތު އެއްކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޑރ ރާޔަން ވިދާޅުވެފައިވާކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ސާސް ރޯގާގެ ބަލިމަޑުކަމުގައި ޑަބްލިއުއެޗްއޯގެ 'ކަނދުރާ ނުބިނދި' ސަލާމަތްވީ ކިރިއާ ކަމަށް ޑރ ރާޔަން ފާހަގަކުރެއްވިކަމަށްވެއެވެ. ޑރ ޓެޑްރޯޒް ޗައިނާއަށް ވަޑައިގަތީ ޑރ ރާޔަން މިފަދަ ވާހަކަތަކެއް ދެއްކެވިތާ 2 ވަނައަށް ވީ ހަފުތާގައެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރިވަޑައިގެން ޑރ ޓެޑްރޯޒް ވަނީ ޗައިނާގެ ރައީސް ޝީ ޖީންޕިންގް އިޖާބައާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ކަންމިހެން އޮތް ނަމަވެސް ޑަބްލިއުއެޗްއޯގެ ރެކޯޑިންގްތަކުން ދެނީ އެހެން މެސެޖެކެވެ. ޗައިނާއިން މައުލޫމާތު ހިފަހައްޓަމުންދާކަމުގެ ކަންބޮޑުވުން ޑަބްލިއުއެޗްއޯ ތެރޭގައި އޭރު އޮތީ އިންތިހާއަށް ބޮޑުވެފައެވެ.

އޭޕީއިން ބުނާ ގޮތުގައި ޗައިނާގެ ކިބައިން މައުލޫމާތު އެއްކުރުމަށް ޑަބްލިއުއެޗްއޯއިން ގެންގުޅުނީ އާންމު މުޖުތަމައުގައި ޗައިނާއަށް 'ސަނާ ކިއުމުގެ' ސަގާފަތެކެވެ.

ނަމަވެސް މިއީ ޑަބްލިއުއެޗްއޯއިންވި އިހުމާލެއް ކަމަށާ، މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 180އަށްވުރެ ގިނަ ގައުމަށް ބަލިމަޑުކަން ފެތުރިގެން ދިޔަ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ.

ޑަބްލިއުއެޗްއޯއިން ކޮވިޑް-19އަށް އެންމެ ފުރަތަމަ އިޖާބަ ދިން ގޮތާ ގުޅިގެން އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް އެއިދާރާއިން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މިކަމަށް ރައްދު ދެމުން ޑަބްލިއުއެޗްއޯއި ބުނަމުންދަނީ 'ސިޔާސީ' ކަންކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށެވެ.