ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާގެ ވޫހާންއިން މިފަހުން 9.9 މިލިއަން ރަށްވެހިން ޓެސްޓުކޮށްފައިވާ ކަމަށާ، ނަމަވެސް އިތުރު މީހަކަށް ބަލިޖެހިގެން އާ ކާހެއް ކަށަވަރު ވެފައި ނުވާކަމަށް، ވޫހާންގެ ސިއްހަތާ ބެހޭ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗައިނީޒް ޕްރެވެންޓިވް މެޑިސިން އެސޯސިއޭޝަންގެ އޮފިޝަލު، ލޫ ޒޫޝުން ވިދާޅުވީ، މެއި 14 ވަނަ ދުވަހުން ފެށިގެން ޖޫން 1 ވަނަ ދުވަހުގެ ނިޔަލަށް ވޫހާންއިން 9899828 މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގާ، ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާނެ ކަމަށެވެ.

ލޫ ވިދާޅުވީ، ސިޓީ ފެންވަރުގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު ޕޮޒިޓިވް އެންމެ ކޭހެއްވެސް ފެނިފައި ނުވާކަމަށާ، ނަމަވެސް އެސިމްޓޮމެޓިކް ނުވަތަ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެނި ވައިރަހަށް ޕޮޒިޓިވްވެފައިވާ 300 ކޭހެއް ކަށަވަރުވެފައިވާކަމަށެވެ. ޗައިނާއިން ކޮވިޑް-19ގެ ކޭސްތަކުގެ ތަފާސް ހިސާބުތައް އެކުލަވާލާއިރު، އެސިމްޓޮމެޓިކް ކޭސްތައް ގުނަނީ ވަކިންނެވެ.

ވޫހާންގެ އާބާދީއަށް ބަލާއިރު އެސިމްޓޮމެޓިކް ކޭސްތައްވެސް ފެންނަނީ މަދުން ކަމަށާ، އެސިމްޓޮމެޓިކް ކޭސްތަކުގެ ސަބަބުނ އިތުރު ބަޔަކަށް އިންފެކްޝަން ފަތުރާފައިވާތީވެސް ފެނިފައި ނުވާކަމަށް ލޫ ވަނީ ވިދާޅުވެފައެވެ.

ވޫހާންގެ ޑެޕިއުޓީ މޭޔަރު ޔޫ ޔާބޯ ވިދާޅުވީ، އެ ސިޓީގެ ހުރިހާ ރަށްވެހިން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ހިންގި ކެމްޕޭނަށް މިހާތަނަށް 126 މިލިއަން ޑޮލަރު ޚަރަދުވެފައިވާކަމަށެވެ. މި ކެމްޕޭން ފަށާފައިވަނީ ވޫހާންއިން ކޭހެއް ނުފެނި ގިނަ ދުވަސްތަކެއް ފާއިތުވެފައިވަނިކޮށް ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއެކުގައެވެ.

ކޮވިޑް-19ގެ ކޭސްތައް ވޫހާންއިން އެންމެ ފުރަތަމަ ރިޕޯޓު ކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ފެންމަތިވާން ފެށީ ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓްއެއް ހިމެނޭ ސަރަހައްދަކުން ކަމުގައި ވީ ނަމަވެސް، އެއީ ވައިރަހުގެ ހަގީގީ ފެށުން ކަމަކަށް ޗައިނާއިން އަދިވެސް އިއުތިރާފެއް ނުވެއެވެ. ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި ބަލީގެ ކޭސްތައް ފުރަތަމަ ފެނުމަކީ ވައިރަހުގެ އަސްލު މަންޒިލަކަށް ވޫހާން ވާންޖެހޭ ސަބަބެއް ނޫނެވެ.