ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީއަށް ގެނައި ފަސް ވަނަ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ރައީސް މިއަދު ތަސްދީގު ކުރައްވައިފައި ވާކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވުމުން، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ގާނޫނުއަސާސީއަށް ހުށައެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ރޭ ދަންވަރުއެވެ. އެ އިސަލާހު ފާސްކުރެވިފައި ވާއިރު، ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ސުޕްރީމް ކޯޓުގެ ލަފައާއި އެެއްގޮތަށް ގެނެސްފައިވާ އިސްލާހެކެވެ.

އެއީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރި ދެ އަކުރެވެ. އޭގައި ހިމެނެނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) އަދި ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) އެވެ.

(ޅ) ގައި ވަނީ އެ މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެކަމަށެވެ.

(ކ) ގައި ވަނީ އެ މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެކަމަށެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން އެ ބިލު ރޭ ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުގައި ގާނޫނު އަސާސީއަށް މަޖިލީހުން އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައިގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު، ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތަކީ 66 މެންބަރުންނެވެ. ބިލު ތަސްދީގުކުރައްވައި، ކައުންސިލަތަކުގެ ދައުރު ދަންމާލާފަައި ވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު މާދަމާއަށް ހަމަވާނެއެވެ.