ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު އެންމެ ޑިމާންޑް ބޮޑުވެގެންދިޔަ އެއް އުފެއްދުން ކަމަށްވާ ހޭންޑް ސެނިޓައިޒާ އުފެއްދުމުގެ ހުއްދަ، އިތުރު ގިންތީގެ ކުންފުނިތަކަށް ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން ނިންމައިފިއެވެ.

ހޭންޑް ސެނިޓައިޒާއަށް އޮތް ޑިމާންޑްގެ ކާވް ތިރިއަށް ހިފަން ފަށާފައި އަދިވެސް ނުވާއިރު، ސަޕްލައިގެ މައްސަލަތަކަށްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ.

އެފް.ޑީ.އޭއިން ރޭގެ ވަގުތެއްގައި އާންމުކުރި ގައިޑްލައިން ބުނާ ގޮތުންނަމަ، އެތަނޯލް އުފައްދާ ކާރުހާނާތަކަށްވެސް ސެނިޓައިޒާ އުފެއްދުމުގެ ހުއްދަ ލިބޭނެއެވެ. އެއީ ބައެއްކަހަލަ ތަގައްޔަރު ކަމާއެކުގައި ކަމަށްވީނަމަވެސްމެ ކަމަށް އެފް.ޑީ.އޭގެ ވެބްސައިޓްގައި ބަޔާންކޮށްފައިވެއެވެ.

ހޭންޑް ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ލިވިންގްސްޓަން ޑެއިލީ

އެފް.ޑީ.އޭއިންވަނީ ހޭންޑް ސެނިޓައިޒާ އުފެއްދުމުގައި އެތަނޯލް ބޭނުން ކުރުމާ ދެކޮޅަށް މިއަހަރުގެ އޭޕްރިލް މަހު، ހަރުކަށި އިރުޝާދުތަކެއް ދީފައެވެ.

މިކަން މުހިންމު ވަނީ ކީއްވެ؟

އެމެރިކާއަކީ ހުރިހާ ގޮތަކުން ކުރިއަރާފައި އޮތް ބޮޑު ބާރަކަށް ވީ ކަމުގައި ވީ ނަމަވެސް ކޮވިޑް-19އާއެކު މުޅި ގައުމު އޮތީ އިނދަޖެހިފައެވެ. ވަކިން ހާއްސަކޮށް ކުދި ހޮސްޕިޓަލުތަކުން އުފުލަމުންދާ ތަކުލީފުތަކުގެ ލިސްޓަށް، ސެނިޓައިޒާގެ މައްސަލަވެސް ވަނީ އިތުރުވެފައެވެ. އާންމު ރައްޔިތުންނަށްވެސް މިކަން އޮތީ މިހެންނެވެ. ހޮސްޕިޓަލުތަކަށް ކޮންމެވެސް ވަރަކަށް ސެނިޓައިޒާ ގަންނަން ލިބޭއިރު، އާންމު މީހެއްގެ ލޮލަށްވެސް މީގެ ފުޅިއެއް މިހާރު ނުފެނެއެވެ.

އެމެރިކާގެ ކެފޭއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ހޭންޑް ސެނިޓައިޒާ ޑިސްޕެންސަރެއްގެ ކައިރީގައި/ފޮޓޯ: އެލެކްސް އެޑްލްމަން

ކަންމިހެން އޮތް ނަމަވެސް ކޮވިޑް-19އިން ދިފާއުވެވެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ އަތުގެ ސާފުތާހިރުކަން ކަށަވަރު ކުރުން ކަމަށްވެފައި، ކޮންމެ މީހަކީ އަބަދު އަތް ދޮވެވޭނެ ހާލަތެއްގައި ހުންނާނެ މީހަކަށް ނުވާއިރު ހޭންޑް ސެނިޓާއިޒާގެ ޑިމާންޑް އިންތިހާއަށް އެބައޮތެވެ. މިއާއެކު އެފް.ޑީ.އޭއިން މިވަނީ، އެތަނޯލް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މި ހުއްދަ ދީފައެވެ. ނަމަވެސް ނުރައްކާތެރި ތަގައްޔަރުކަމުން ސެނިޓައިޒާތައް ސަލާމަތްކުރުމަށް އެފް.ޑީ.އޭއިންވަނީ ގޮވާލާފައެވެ. މިކަން ކަށަވަރު ކުރުމަށް، މި ސިނާއަތުގެ ކުންފުނިތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެފް.ޑީ.އޭއިން ބުނެއެވެ.

ކަންބޮޑުވުމަކަށް ވަނީ ކީއްވެ؟

އެތަނޯލް އުފެއްދުމަކީ ފާމެންޓް ކުރުމާ ޑިސްޓިލޭޝަން ކުރުމުގެ މަރުހަލާ އެކަމުގައި އެކުލެވޭ މަސައްކަތް އެކުލެވޭ ކަމެކެވެ. މިއިން އެއްވެސް މަރުހަލާއެއްގައި ހޭންޑް ސެނިޓައިޒާގެ ޕްރޮޑަކްޓްއަށް އެއްވެސް ވަރެއްގެ ތަގައްޔަރުކަމެއް އައިސްގެން ނުވާނެއެވެ. ނަމަވެސް ކަންބޮޑުވުން އުފެދެނީ ހަކަތަ ނުވަތަ ޓެކްނިކަލް-ގްރޭޑްގެ އެތަނޯލް އުފައްދާ ކާރުހާނާއެއްގައި ހޭންޑް ސެނިޓައިޒާ އުފައްދަން އުޅުމުން ގެސޮލީންއާއި ބެންޒީން ފަދަ މާއްދާތަކާ މަސްހުނިވެ، ހިސާބެއްގެ ތަގައްޔަރުކަމެއް އައުމުގެ ފުރުސަތު އޮވެއެވެ. މި މާއްދާތަކަށް ހުށަހެޅުމަކީ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ.

ހޭންޑް ސެނިޓައިޒާ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން/ފޮޓޯ: ފޮކްސް2ނައު

އެފް.ޑީ.އޭއިން ބުނީ މިފަދަ މާއްދާތަކަށް ކުޑަ މުއްދަތަކަށް ކޮންމެވެސް ވަރަކަށް ހުށަހެޅުނު ކަމުގައި ވީ ނަމަވެސް އެއީ ހަށިގަނޑަށް ކުޅަދާނަ މިންވަރެއް ކަމަށް ގަބޫލުކުރެވޭ ކަމަށާ، މިކަމާ ގުޅޭ އިތުރު ހޯދުންތައް ހޯދަމުންދާކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުވަސްތައް ގުނަމުންދާއިރު، މިފަދަ ކަންކަމަށް ކޮންމެވެސް ވަރެއްގެ ދުލެއް ދޭންޖެހޭ ކަމަށްވެސް އެފް.ޑީ.އޭއިން ގަބޫލުކުރެއެވެ. އެގޮތުން ނުރައްކަލާ ފައިދާ، ވީހާވެސް ރަނގަޅަށް ބެލަންސް ކުރުމުގެ ވިސްނުމެއް އެ އިދާރާއިން ގެންގުޅޭ ކަމަށްވެސް އެފް.ޑީ.އޭ އިންވަނީ ބުނެފައެވެ.