މިއީ މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން މިހާތަނަށް އެކުލަވާލި އެންމެ ތަފްސީލީ ދިރާސާގައި ބުނެފައި އޮތް ގޮތެވެ. ކުރު ގޮތަކަށް ދަންނަވަނީނަމަ، ޖިސްމާނީ ގައިދުރުކަމާ މާސްކު ބޭނުން ކުރުމަކީ މި ބަލިމަޑުކަމުން ދުރުވެވެން މިވަގުތަށް އޮތް އެންމެ ފުރިހަމަ އިސްތިރާޖާ ހަތިޔާރުކަމަށް ދިރާސާ ބުރަވެއެވެ.
މެޑިކަލް ޖާނަލް "ދަ ލޭންސެޓް"ގައި ރޭގެ ވަގުތެއްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، ޖެހިގެން ހުންނަ މީހާއާއި އަބަދުވެސް 3 ފޫޓުގެ ދުރުމިނެއް ބަހައްޓަންޖެހެއެވެ. ރަނގަޅީ މިއަށްވުރެވެސް ދުރުގައި ހުރުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ފަންޑު ކޮށްގެން މިހާތަނަށް އެކުލަވާލާފައިވާ އެތައް ދިރާސާއެއްގެ މުރާޖައާއިން މައިގަނޑު 3 ކަމެއް ވަނީ ފާހަގަ ކުރެވިފައެވެ.
- ޖިސްމާނީ ގައިދުރުކަން: 2 މީހެއްގެ މެދުގައި ހުންނަ އެންމެ ކައިރި މިނަކީ 1 މީޓަރު (3.3 ފޫޓު) ކަމަށް ހަދައިފިނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮންނަނީ 12.8 ޕަސެންޓްއަށެވެ. 3.3 ފޫޓަށް ވުރެ ދުރަށް ޖެހިލައިގެން މިއަދަދު 2.6 ޕަސެންޓްއަށް ދަށްކުރެވެއެވެ. ކަންމިހެން އޮތްއިރު މިވަގުތަށް ފާހަގަވާ އެންމެ ރަނގަޅު މިންގަނޑަކީ 2 މީޓަރު (6.6 ފޫޓު) ގެ ދުރުމިނެއް ގެންގުޅުމެވެ.
- ފޭސް މާސްކު: އާދައިގެ މާސްކު ނުވަތަ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކޮށްފައިވާ ރެސްޕިރޭޓާ (އެން-95) ޒާތު މާސްކެއް ބޭނުން ނުކުރާނަމަ ބަލި ފެތުރުމުގެ ފުރުސަތު 17.4 ޕަސެންޓްއަށް އޮންނައިރު މާސްކްއެއް ބޭނުން ކުރުމުން މި އަދަދު 3.1 ޕަސެންޓްއަށް ދަށްކުރެވެއެވެ. ނަމަވެސް މިއީ ކިހާ ކަށަވަރު ކަމެއްކަން ބަޔާން ކުރާ ގިންތި އޮތީ އެންމެ ދަށްކޮށް ކަމަށްވެސް ހޯދުންތަކުގައި ބަޔާންކޮށްފައިވެއެވެ.
- ލޯ ރައްކާތެރިކުރުން: ލޮލުގެ ޒަރިއްޔާއިންވެސް ހަށިގަނޑު ތެރެއަށް ވައިރަސް ފެތުރިގެން ދާއިރު ލޯ ރައްކާތެރި ކުރުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާނަމަ މި ފުރުސަތު އޮންނަނީ 16 ޕަސެންޓްއަށެވެ. ނަމަވެސް އައިނު، ވައިޒާ، ގޮގޮލް ނުވަތަ ފޭސް ޝީލްޑްއެއް ބޭނުންކޮށްގެން ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލޮލަށް ދިނުމުން، މިއަދަދު 5.5 ޕަސެންޓްއަށް ދަށްކުރެވެއެވެ. މި ނަތީޖާގެ ކަށަވަރުކަންވެސް އޮތީ އެންމެ ދަށް ގިންތީގައެވެ.
ދަ ލޭންސެޓްގައި އާންމުކޮށްފައިވާ މުރާޖައާ ދިރާސާއަކީ، ދުނިޔޭގެ 6 ބައްރުން، 16 ގައުމަކުން މިހާތަނަށް އެކުލަވާލާފައިވާ 172 ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މުރާޖައާ ރިޕޯޓްއެކެވެ. މީގެ އިތުރުން، އަހަރުތަކެއް ކުރިން ފެތުރިގެން ދިޔަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް ރޯގާ) އަދި މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް ރޯގާ)ގެ ދިރާސާތައްވެސް މި ދިރާސާ ރިޕޯޓުގެ މަގުސަދަށްޓަކައި ވަނީ މުރާޖައާ ކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ގައުމުތަކުން މިފަދަ ދިރާސާތަކަށް ބުރަވާއިރު، ސައެންސްގެ އަލީގައި މާ ބޮޑު ކަށަވަރު ނަތީޖާތަކެއް އަދިވެސް ނެރެވިފައެއް ނުވެއެވެ. ބައެއް ހާލަތްތަކުގައި ފުށޫއެރުންތަކެއްވެސް ކުރިމަތިވެފައި އެބަހުއްޓެވެ. މާސްކުގެ މައްސަލަވެސް އުފެދިގެން އައީ މިފަދަ ގޮތަކަށެވެ. ނަމަވެސް ހުރިހާ ސައެންސްވެރިންނާ ތަޖުރިބާކާރުން އިއްތިފާގުވާ އެއް ކަމެއް އެބައޮތެވެ. އެއީ ސައިބޯނި ލައިގެން، ގަވައިދުން، ވީހާވެސް ގިނައެއްކޮށް އަތް ދޮވުމުގެ އާދަ ދެމެހެއްޓުމެވެ.
ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް
ދަ ލޭންސެޓްގެ މުރާޖައާ އަކީ ޖިސްމާނީ ގައިދުރުކަމުގެ އެންމެ ކައިރި މިންވަރަކީ 3.3 ފޫޓު އަދި އެންމެ އެކަށީގެންވާ މިންވަރަކީ 6.6 ފޫޓުކަމަށް ބާރުދޭ ހޯދުމެކެވެ.
ކެނެޑާގެ މެކްމާސްޓާ ޔުނިވާސިޓީގެ ހޯލްގާ ޝޫނެމަން އިސްކޮށް ހުންނަވައިގެން އެކުލަވާލެއްވި މި މުރާޖައާއަކީ ކޮވިޑް-19 ފެތުރިގެންދާ ގޮތާ، ކޮންޓްރެކްޓް ޓްރޭސްކުރާ އުސޫލުތައް އެކުލަވާލުން ފަދަ މަސައްކަތްތަކަށް މޮޑެލްތައް ތައްޔާރުކުރުމަށްވެސް އެހީވެދޭނެ މުރާޖައާއެކެވެ.
ދިރާސާ ކުރުމުގައި ބައިވެރިވެފައި ނުވާ ތަޖުރިބާކާރެއް ކަމަށްވާ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ޕްރައިމަރީ ހެލްތްކެއާ ޕްރޮފެސަރެއް ކަމަށްވާ ޓްރިޝް ގްރީންހާފް ވިދާޅުވީ، ކޮވިޑް-19އިން ދުރުވުމަށް މިވަގުތަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ޖިސްމާނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަކެއް އެޅުން ކަމަށް މި ދިރާސާ ގޮވާލާކަމަށެވެ. އިނގިރޭސިވިލާތުގެ ސައެންސް މީޑިއާ ސެންޓަރަށް ދެއްވި ބަސްދީގަތުމެއްގައި ޕްރޮފެސާ ގްރީންހާފް ވިދާޅުވީ، މިއީ މި ބަލިމަޑުކަމާ ގުޅިގެން ފިޔަވަޅެއް ކުރިއަށް އެޅުމަށް ލިބުނު މުހިންމު މައުލޫމާތުތަކެއް ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މިހާރުގެ ގައިޑްލައިން ބުނާ ގޮތުންނަމަ ދުޅަހެޔޮ ހާލުގައި ހުރި މީހަކު މާސްކު އަޅަންޖެހޭނީ ކޮވިޑް-19 ޖެހިފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދޭނަމަ އެކަންޏެވެ. އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ އިރުޝާދުތައް ބުނާ ގޮތުންނަމަ، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓެން ނެތް ކޮންމެ ހާލެއްގައި މޫނު ނިވާ ކުރުން ބުއްދިވެރިއެވެ. ނަމަވެސް ސާޖިކަލް (އާދައިގެ) މާސްކްއާއި ރެސްޕިރޭޓާ މާސްކު ބޭނުން ކުރާކަށް އާންމު މުޖުތަމައަށް ލާޒިމު ނޫންކަމަށްވެސް އެ ފަރާތުން ފާހަގަކުރެއެވެ.
ޑަބްލިއު.އެޗް.އޯގެ ތަރުޖަމާނެއް ކަމަށްވާ ތޯރިގު ހަސެރެވިޗް ވިދާޅުވީ، މާސްކު ބޭނުން ކުރުމާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ދީފައިވާ އިރުޝާދު މުރާޖައާކޮށް، އަދާ ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާ، މި ކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު މި ހަފުތާ ތެރޭގައި އާންމު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެމެރިކާއިން ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ގޭގައި އަމިއްލައަށް ތައްޔާރުކުރާ މާސްކުތަކާ ބެހޭ ގޮތުންވެސް މި އިއުލާނުގައި ޑަބްލިއު.އެޗް.އޯއިން އިރުޝާދުތަކެއް ދޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ލީޑަރުންނަށް ދެން އެޅެން އޮތީ ކޮން ފިޔަވަޅެއް؟
ޔުނިވާސިޓީ އޮފް އެޑިންބާގެ ޕަބްލިކް ހެލްތް ޕްރޮފެސަރެއް ކަމަށްވާ ލިންޑާ ބޯލްޑް ވިދާޅުވީ، މިހާރު އުފެދިފައިވާ މުހިންމު ސުވާލަކީ އެންމެ ފަހުން އެކުލަވާލި މުރާޖައާ ގުޅިގެން ގައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިން ކުރިއަށް އަޅުއްވާނީ ކޮން ފިޔަވަޅެއްތޯ ކުރެވޭ ސުވާލު ކަމަށެވެ.
ޖިސްމާނީ ގައިދުރުކަމުގެ މިންގަނޑަކީ 2 މީޓަރު ކަމުގައި އިނގިރޭސިވިލާތުން ހަމަޖެއްސުމުން އެގައުމުގެ މީހުން ހިތްހަމަ ނުޖެހުނީ ދުނިޔޭގެ އެހެން ހިސާބުތަކުގައި އެއަށްވުރެ ކައިރީގައިވެސް ތިބެވޭތީ ކަމަށާ، ނަމަވެސް ފަހުގެ މި މުރާޖައާއާއިއެކު 2 މީޓަރު ދުރުމިނަށް ބާރު ލިބިދޭކަން ޕްރޮފެސާ ބޯލްޑް ވަނީ ފާހަގަކުރައްވާފައެވެ.
މާސްކުގެ ވާހަކައަށް ބަލާނަމަ، ދިރާސާގެ ނަތީޖާ ކަށަވަރުވުމުގެ ގިންތި ދަށްކޮށް އޮތުމަކީ މިކަމާ މެދު އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކުގެ ސަރުކާރުތަކަށް އިތުރު ތަކުލީފަކާ ކުރިމަތިލާންޖެހިދާނެ ކަމެއްކަމަށް ޕްރޮފެސާ ބޯލްޑް ވިދާޅުވިއެވެ.
ޖިސްމާނީ ގައިދުރުކަމާ، މާސްކު ބޭނުން ކުރުމާ، ލޯ ރައްކާތެރި ކުރުމަކުން ކޮވިޑް-19އިން މުޅިން ސަލާމަތް ނުވެވޭކަމަށް މި މުރާޖައާ ރިޕޯޓްގައި 'ފަލައަކުރުން' ފާހަގަކޮށްފައިވެއެވެ. އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއެކު ގަވައިދުން ރަނގަޅަށް އޮތްދޮވެ ސާފުކުރުމަކީވެސް ބަލި ފެތުރުން ކޮންޓްރޯލްވާ ސަބަބެއްކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް -2 (ސާސްކޯވް-2)ގެ ފެށުމަކީ ކޮބައިކަން އަދި ކަށަވަރު ކުރެވިފައި ނުވާއިރު، މި ވައިރަހުން ދިފާއުވާނެ ވެކްސިންއެއްވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއްވެސް ނެތެވެ. ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.