ކޮވިޑް19 ގެ ސަބަބުން މާލީ ތަނަވަސްކަން ނެތް މީހުންގެ ތެރެއިން ދިރިއުޅޭ ތަނުގެ ކުލި ނުދެއްކުމުން 220 ފަރާތެއް އެހީތެރިކަން އެދިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ 17ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31ގެ ނިޔަލަށް 220 މީހަކު ކުލި ނުދެއްކިގެން އެހީތެރިކަމަށް އެދުނު ކަމަށެވެ. އެންމެ ގިނައިން ކުލި ނުދެއްކިގެން އެހީތެރިކަމަށް އެދުނީ މެއި މަހުގެ 15ވަނަ ދުވަހާއި 21ވަނަ ދުވަހާއި ދެމެދު ކަމަށާއި އެގޮތުން އެ ދުވަސްތަކުގައި 75 މީހަކު އެހީތެރިކަމަށް އެދުނު ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ކޮވިޑް ކަންތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަނީ 4.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެ ފައިސާ އަކީ އެކި ފަންޑުތަކުން ހޭދަކޮށްފައިވާ ފައިސާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. މީގެތެރޭގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށެވެ.
"ބަޖެޓުން މިހާތަނަށް 1.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފައި. އޭގެ ތެރޭގައި ގިނައިން ހޭދަކޮށްފައިވަނީ ކެއިން ބުއިމުގެ ހަރަދަށް،" ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ޖެންޑާ މިނިސްޓްރީން މިހާލަތުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ގޭގައި ކެއްކޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ހެލްޕުލައިނެއް ގާއިމްކޮށް 24 ގަޑިއިރު އެ ހެލްޕްލައިން މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ޔުމްނާ ވިދާޅުވިއެވެ.